އައިއޯއައިޖީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރަސްމީކޮށް ފަށައިފި


ހަތް ޤައުމު ވާދަކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރީޔޫނިއަންގައި ރަސްމީކޮށް ފަށައި، ހަރަކާތްތައް ކުރިއަށް އެބަގެންދެއެވެ. ރާއްޖެ ވާދަކުރާ މިގޭމްސްގެ ފެށުމުގެ ރަސްމިއްޔާތު ކުރިއަށްދަނީ ސެއިންޓް ޕޯލް ސްޓޭޑިއަމްގައެވެ. މިސްޓޭޑިއަމްގައި ގޭމްސްގެ ބައެއް އިވެންޓްތައްވެސް އޮންނާނެއެވެ.  ފެށުމުގެ ރަސްމިއްޔާތުގައި ގޭމްސްގައި ވާދަކުރާ ހަތްޤައުމުންވެސް ބައިވެރިވެއެވެ. ރާއްޖޭގެ ދިދަ އުފުލާލަ ދިނީ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. ފެށުމުގެ ރައްމިއްޔާތުގައި ރާއްޖޭގެ ސީނިއަރ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމް ބައިވެރިއެއް ނުވެއެވެ. އެއީ މާދަމާގެ މެޗުތަކަށް ތައްޔާރުވުމަށް ރެސްޓް ދިނުމުގެ ގޮތުންކަމަށް އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެއްވައެވެ. ގޭމްސް ފެށުމުގެ ގޮތުން މިހާރު ވަނީ ގޭމްސްގެ ދިދަ ނަގައި، ދަންމަރު ރޯކޮށްފައެވެ. މިގޭމްސްގައި ރާއްޖެއިން އެކަނިވެސް ކުޅިވަރުތަކުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދު ސަތޭކަ ހަތްދިހައަށް އަރައެވެ. ގޭމްސް ފެށުމުގެ ރައްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމުހުސިން ހަމީދެވެ. ގޭމްސް ފެށުމުގެ ރަސްމިއްޔާތު އަދިވެސް ނުނިމެއެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. މިގޭމްސްގައި ވާދަކުރާ ޤައުމުތަކަކީ ދިވެހިރާއްޖެ، ޝީޝެލްސް، މަޑަގަސްކަރަ،ކޮމޯރޯސް، މަޔޯޓް، ރީޔޫނިއަން، އަދި މޮރިޝަޝްއެވެ. ގޭމްސްގައި 14 ކުޅިވަރެއް ހިމެނެއެވެ. ގޭމްސް ކުރިއަށްދާނީ މިމަހުގެ ނުވައެއް ނިޔަލަށެވެ.