 
										
			މާލެ ސަރަޙައްދު މިމަހުގެ 17 އިން ފެށިގެން 2 ހަފްތާގެ ފުރަބަންދަކަށް ގޮސްފައިވާއިރު، މަގުމައްޗަށް އާއްމުން ނުކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ހުއްދަނެތި ނުކުމެ އުޅޭ މީހުން ހުއްޓުވައި، އެމީހުންނާއި މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. 
ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ގޭގައި ތިބެގެން ހޯދުން ނޫންގޮތެއް ނެތްއިރު، އެކަމަށް ބަރޯސާ ވާން މިޖެހެނީ އޯޑަރކުރުމާއި ޑެލިވަރީގެ ޚިދުމަތް ދޭ ފަރާތްތަކަށެވެ. 
2 ހަފްތާގެ މުއްދަތަކަށް މާލެ، ވިލިމާލެ އަދި ހުޅުމާލެ ފުރަބަންދުކުރުމުގެ ކުރިން 48 ގަަަޑިއިރަށްވެސް މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށް މީހުން މަގުމައްޗަށް ނުކުމެ އުޅުން ހުއްޓުވާފައެވެ. މިއާއެކު ގޭގައި ތިބެގެން ފިހާރަތަކަށް އޯޑަރކުރުމާއި، ގޭގެއަށް އެތަކެތި ޑެލިވަރކުރެވޭނެ އިންތިޒާމް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ޤާއިމުކޮށް، ވަކި ޙާއްސަ ހުއްދައަކާއެކު ވިޔަފާރިވެރިންނަށް އެ ޚިދުމަތް ދިނުމުގެ ފުރުޞަތު ވަނީ ދީފައެވެ. 
މިހާރުވެސް ގިނަ ބަޔަކު ފިހާރަތަކަށް ތަކެތި ގަތުމަށް އޯޑަރކުރަމުންދާއިރު، މި ދަނޑިވަޅުގައި އެފަދަ ޚިދުމަތްދޭ ފަރާތްތަކާއި، އާއްމުންވެސް އަމިއްލަ ސާފުތާޙިރުކަމަށާއި، އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދީފައެވެ. 
ޑެލިވަރީކުރުމާއި، ބަލާގަތުމުގައި ރައްކާތެރިވާންޖެހޭ ކަންތައްތައް: 
- ނަގުދު ފައިސާގެ ބަދަލުގައި ކޭޝް ކާޑު ނުވަތަ އޮންލައިންކޮށް ފައިސާދެއްކުން 
- ޑެލިވަރ ކުރާ ތަކެތި ބެހެއްޓުމަށް ގޮނޑިއެއް ނުވަތަ މޭޒެއް ގޭގެެ އެންމެ ތިރީ ފަންގިފިލާގައި ބެހެއްޓުން
- ތަކެތި ލިބުމުން ކޮތަޅުން ނަގާ ކޮތަޅު އެއްލާލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކުންވެސް މާސްކާއި އަންގި ބޭނުންކުރުން މުހިއްމެވެ. 
އަދި ހުމާއި ރޯގާގެ އަލާމާތެއް ހުންނަ މީހަކު ޑެލިވަރީކުރުމުގައި ހަރަކާތްތެރިވެގެން ނުވާނެއެވެ. 
ކޯވިޑް-19 އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށްވެފައި، ރާއްޖޭގައިވެސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މި ވައިރަސް ފެތުރެން ފަށާފައިވުމުން، ބަލިންރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އިޖާބަދީ، އެގޮތަށް އަމަލުކުރުން މުހިއްމެވެ.