މާލޭގައި މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތުގެ ތެރެއިން މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ސޯސަން މަގުގައި ހުރި ޕާކިން ޒޯނާއި، ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވި ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
"ކުރީގަ ޕާކިން އޮންނަ އެ އުސޫލެއް އެ އުސޫލުގެ ތެރެއިން 5 އޮޕްޝަންއަކަށް އިތުރަށް ޕާކުކުރުމުގެ ސިޔާސަތުވެސްވަނީ ފުޅާވެފަ. އޭގެތެރޭގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށް. އަދި މާލެއިން ހީނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ބަޔަކު އައިޑެންޓިފައި ކުރެވިފަ އެފަރާތާއެކު ވާހަކަދެކެވެމުން މިދަނީ". ވަޒީރު ވިދާޅުވިއެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ މިއަހަރުގެ މާރިޗްމަހުގެ ތެރޭގައި ވަނީ އަޅާފައެވެ. މި އިމާރާތަކީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ. ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.