ޚަބަރު

ޞިއްޙީ ދާއިރާއިން ކާމިޔާބީތަކެއް ހޯދާފައިވާތީ ރާއްޖެއަށް ޑަބްލިއުއެޗުއޯގެ އެވޯޑެއް


  • އެވޯޑު ދިނީ ގައިންގަޔަށް ނާރާ 4 ބައްޔެއްގައި އުމުރުން ދުވަސްވުމުގެ ކުރިން މަރުވުން މަދުވުމުން

  • އެ ބަލިތަކަކީ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް

  • އުފަންވާ ކުދިންނާއި މައިމީހާއަށް ޖެހޭ ބައްޔެއް ނައްތާލިތާ 10 އަހަރުވުމުން އެކަމުގެ އަގުވަޒަންކުރި

ރާއްޖެއިން ޞިއްޙީ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވާތީ މިކަމުގެ އަގުވަޒަން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފިއެވެ.

މިކާމިޔާބީތައް ފާހަގަކޮށް ދިވެހިރާއްޖެއަށް އެވޯޑު ދީފައިވަނީ، މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފައިވަނީ، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވާތިއްޔާއި، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީއެވެ.

ދޮށީ އުމުރަށް ދިއުމުގެ ކުރިން ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މިންވަރު ނުވަތަ ޕްރީމެޗުއަރ މޯޓަލިޓީ، މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވަނީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މި ލަނޑުދަނޑި ހާސިލުކުރަން ކަނޑައަޅާފައިވަނީ، 2030 ވަނަ އަހަރަށެވެ. ނަމަވެސް ދިވެހިރާއްޖެއިން ސުންގަޑީގެ 4 އަހަރު ކުރިން ލަނޑުދަނޑި ހާސިލުކޮށްފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާއިން މިހާތަނަށް މި ލަނޑުދަނޑި ހާސިލުކުރި ހަމައެކަނި ޤައުމެވެ.

މި އެވޯޑު ދިވެހިރާއްޖެއަށް އަރުވާފައިވަނީ، މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިން މިއެވޯޑާއި ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވީ، ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މިއެވޯޑު ދިވެހިރާއްޖެއަށް ހަވާލުކޮށްދެއްވީ، އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ.

މީގެ އިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީ، ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށްފައެވެ. މެޓާނަލް ޓެޓެނަސްއަކީ، މާބަނޑު ދުވަސްވަރު ނުވަތަ ވިހެމަށްފަހު މައިމީހާއަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމަށް މެދުވެރި ވަނީ، ވިހެއުމާއި އެނޫންވެސް ސިއްޚީ ފަރުވާތަކުގައި ސްޓްރައިލް ނުކުރާ އާލަތްތައް ބޭނުން ކުރުމުންނެވެ. އުފަންވާ ކުދިންނަށް މި ބަލި ޖެހެން މެދުވެރިވަނީ، ފޫޅު ކެނޑުމުގައި ސާފު ނުކުރާ އާލަތެއް ބޭނުން ކުރުމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ، ރާއްޖެއިން ހޯދާފައިވާ މި ކާމިޔާބީތަކަކީ، ސަރުކާރާއި މުޅި މުޖުތަމަޢު އެއް ވިސްނުމެއްގައި ކުރި މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަން ފާހަގަކޮށްފައެވެ.

މީގެކުރިންވެސް އެޖަމިއްޔާއިން ވަނީ، ރާއްޖެއިން ސިއްޙީ ދާއިރާގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކިފަހަރު މަތިން އެވޯޑު ދީފައެވެ. މިގޮތުން ދުންފަތާއި ދެކޮޅަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޚާއްސަ އެވޯޑެއް އަރުވާފައިވެއެވެ. މީގެ އިތުރުން މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި، ސިފިލިސްއާއި، ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ޤައުމަކަށް ވުމުގެ ލަޤަބުވެސް ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. އަދި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިކަމުގެ ޚާއްސަ އެވޯޑެއްވެސް އަރުވާފައިވެއެވެ.