ކޯވިޑް-19

ކޯވިޑް19 : ހުރިހާ އަމާޒެއް ހުރީ ބާރުލާފައި ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށް - މިނިސްޓަރ އަމީން


މިވަގުތު ސަރުކާރުގެ ހުރިހާ އަމާޒެއްހުރީ ރާއްޖޭގައި ބާރުލާފައި ކޯވިޑް-19 ފެތުރޭ މިިންވަރު ކޮންޓްރޯލް ކުރުމަށްކަމަށް ހެލްތު މިނިސްޓަރ ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، މި ބައްޔާއެކު ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށްވެސް ރާއްޖެއިން އައީ ދުރާލާ ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް މިހާރު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބެލިޖެހުން ފެތުރެން ފަށާފައިވާއިރު، މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކޮންޓްރޯލް ކުރުން އެއީ މިވަގުތުގެ ހުރިހާވެސް އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޙާލަތު އެންމެ ގޯސްވާން ފެށީ އިޖްތިމާޢީ ގޮތުން ބަހައްޓަންޖެހޭ ދުރުމިން ނުބަހައްޓާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ނޭޅުމުގެ ސަބަބުން ކަމަށެވެ. އަދި އެ ޤައުމުތަކުން އިބުރަތް ޙާޞިލުކޮށް، ރާއްޖޭގައިވެސް ސިސްޓަމަށް ނުކަތާ މިންވަރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގައި ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކާ އެއްވަރަށް ފަރުދީ ޒިންމާ އަދާކުރުން އިންތިހާއަށް މުހިއްމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑް މިހާރު މިއޮތީ ފެށިފައި. ދެން އެންމެ މުހިއްމުކަމަކީ ބާރުލާފައި ފެތުރޭ މިންވަރު ހުއްޓުވުން. ކޮންޓްރޯލް ކުރުން. ސިސްޓަމްއަށް ނުކަތާ ވަރަށް ފެތުރޭ ފެތުރުން ހުއްޓުވުން. ރަށު ތެރޭގައި ބަލި ފެތުރުން ލަސްކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ގޭގައި މަޑުކުރުން. އަމިއްލައަށް އެކަހެރިވުން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ކިޔަމަންވުން މުހިއްމުކަމަށެވެ. އެގޮތުން ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހުން ފިޔަވާ އިތުރު މީހުންނާއި ބައްދަލުނުކުރުމާއި، ކޮންމެހެން ދާންޖެހޭ ތަނެއް ފިޔަވާ އިތުރު ތާކަށްނުގޮސް، ގޭގަައި މަޑުކުރުން މުހިއްމުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ރަށްރަށަށް ބޭނުންވާ ކާޑާއި ބޭހުގެ ބާވަތްތައް ފޮނުވުމުގެ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، ކަންބޮޑުވެ، އެކަށީގެން ނުވާ މިންވަރަށް ތަކެތި ގަތުމުން ދުރުހެލިވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭހައި ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ރަށްރަށަށް ފޮނުވުމުގެ ކަންކަން މިދަނީ ކުރަމުން. އަތޮޅުތެރޭގެ ޓާސްކްފޯސްތަކުން އަންގާ އެންގުންތަކަށް ބޯލެނބުން މުހިއްމު. ނުކަތާ ވަރަށް ތަކެތި ގަނެ ސްޓޮކްކުރާނަމަ ނިޒާމަށް ބުރޫ އަރާނެ. މިގޮތަށް އަމަލުކޮށްގެން ބަލި ފެތުރުން ލަސް ކުރޭވޭނެ. ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައިވެސް މިހާރު ތަހައްމަލު ކުރަމުން މިދަނީ ދަތި އުނދަގޫ ވަގުތުތަކެއްކަން ފާހަގަކުރައްވާ މިދަނޑިވަަޅުގައިވެސް ކެތްތެރިކަން އިސްކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުންދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ހެލްތު މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަން ކަމަކީ ހާސްކަމުގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލައިގެންވާނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.