އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ކޮންމެ
ކުޅުންތެރިއަކުވެސް، އަދި ކޮންމެ އެތްލީޓެއްވެސް ހުންނަންވަނީ ޤައުމަށް ރީތިނަން
ހޯދައިދިނުމުގެ އަޒުމްގައިކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރަޢީސް
މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ. ރީޔޫނިއަންއަށް ދަތުރު ކުރި މަގުމަތީގައި ފްލައިޓްގައި އިންނަވާ ޝަވީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން
ވިދާޅުވިފަދައިން މިހާރު އަޅުގަނޑުމެން ހަމައެކަނި ބައިވެރިވުމުގެ ގޮތުން
މުބާރާތްތަކުގެ ބައިވެރިވުމަށް ނިމުމެއް ގެނެސް، މެޑަލްތަކަށް އަމާޒު
ހިފަންވެއްޖެކަމަށެވެ.
ދެ ސެޓަށް ތައްޔާރުވުމުގެ ބަދަލުގައި އަޅުގަނޑުމެން ފަސް
ސެޓަށް ތައްޔާތުވާންޖެހޭކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައި،
ޝަވީދު ވިދާޅުވީ ރައީސް އެދެއްވީ ކުޅުންތެރިނަށް ވަރަށް ރަނގަޅު މިސާލެއްކަމަށެވެ. ޚާއްސަކޮށް މިހާރު އައިއޯއައިޖީގައި ވާދަކުރާ ކުޅުންތެރިންނަށް މިމެސެޖުގެ
ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އޮލިމްޕިކް ކޮމިޓީގެ އިތުރުން އެފްއޭއެމްގެ ނޯމަލައިގޭޝަން ކޮމިޓީގެ ޗެއަރމަން ވިދާޅުވިއެވެ. ޝަވީދު އިތުރަށް
ވިދާޅުވީ މިފަދަ ބޮޑު ޚަރަދެއް ސަރުކާރުން މިގޭމްސްއަށް ކުރުމުން އެކަމުންވެސް
ދައްކައިދެނީ ކުޅިވަރުތައް ކުރިއެރުވުމަށް ކުރިއަށް އޮތްތާންގައިވެސް ސަރުކާރުން
އެއްބާރުލުން ދޭނެކަމުގެ ފެހި ސިގްނަލްކަމަށެވެ.
" މިކުޅިވަރުގައި ކުރިއަށްދާން ސަރުކާރުން އަޅުގަނޑުމެންނަށް މަގުކޮށައިދޭން ތިބި ކަމުގެ ވަރަށް ބޮޑު ސިގްނަލްއެއް ކަންނޭންގެ އެދެއްވީ. ރައީސްގެ ވާހަކައިގައިވެސް މައިގަނޑުގޮތެއްގައި އެވިދާޅުވީ ކުޅިވަރުގައި އަޅުގަނޑުމެން އެބަޖެހެެއޭ ބަދަލުތަކެއްވާން، އެމެސެޖް އަޅުގަނޑަށް ނެގެނީ އެހެން. އަބަދު ގޭމެއްގައި ބައިވެރިވާން ނުވަތަ ވާދަކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެން ވެއްޖޭ ގޯލްޑް ސިލްވަރއަށްދާން." ޝަވީދު ވިދާޅުވިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް
ސަރުކާރުންވަނީ ބާރަ މިލިއަން ރުފިޔާ ދެއްވައިވާފައެވެ. މުޅި ގޭމްސްއަށް ރާއްޖެއިން
ކަނޑައަޅާފައިވަނީ ސޯޅަ ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއެވެ. ގޭމްސް މާދަމާ
ރަސްމީކޮށް ފަށަން ހަމަޖެހިފައިވީނަމަވެސް، ފުޓްބޯޅަ އިވެންޓް މިއަދު ފަށާނެއެވެ.