ޚަބަރު

ކޯވިޑް-19: ދިވެހިންނަށް އެހީ ފޮނުވުމާއި، ރާއްޖެއަށް އެހީ ހޯދުމުގައި ދިވެހި ޚާރިޖިއްޔާ އަވަދިނެތި


ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް-19 އަދިވެސް އަންނަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. މިއާއެކު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުތާއި ކަނޑު ދަތުރުފަތުރު މުޅިހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ގިނަ ޤައުމުތައް ވަނީ ފުރަބަންދުކޮށްފައެވެ. މިއާއެކު އެ ޤައުމުތަކުގައި ބޭރަށް ނިކުމެ އުޅުން އެއްކޮށް މަނާވެގެން ދިޔައެވެ. އެޤައުމުތަކުގައި އުޅޭ ރައްޔިތުންނެކޭ އެއްގޮތަށް ޤައުމުން ބޭރު މީހުންވެސް ބަންދުވެގެންދިޔައެވެ.

ނަމަވެސް ކޯވިޑް19 ގެ މި ދަތި ވަގުތުގައި ވެސް ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ފޮރިންގ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކުގައިވެސް ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ގޮސްތިބި މީހުންނާއި އެޤައުމުތަކުގައި ދިރިއުޅެމުން އަންނަ އާއިލާތައްވެސް ހިމެނެއެވެ. ގިނަ ޤައުމުތަކުގައި ދިވެހިން ޤައުމަށް އާދެވޭނެ ގޮތެއް ނެތި ތިބީ އެޤައުމުތަކުގެ ސިޓީތަކުގައި ބަންދުވެފައެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރު މިހާރުވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޤައުމަށް ގެނައުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ނަމަވެސް އެމީހުން ގެނެވޭނެ ފްލައިޓް ރޫޓްތައް ހޯދުމުގައި 24 ގަޑިއިރު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. މިނިސްޓްރީ މެދުވެރިވެގެން މިހާތަނަށް 900 އަށް ވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. އޭގެތެރޭގައި މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ތިބި އެތައް ދިވެހިންނެއް އިންޑިއާގައި ކަރަންޓިން ފުރިހަމަކުރުމަށްފަހު ވަނީ ރާއްޖެ ގެނެސްފައެވެ.

އަދި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކާއި މިބަލީގެ ބިރުވެރިކަން އެންމެ ބޮޑަށް އޮތް ޤައުމުތަކުގައި ތިބި ދިވެހިންވެސް ގެނައުމަށް މަސައްކަތްކުރަމުން ގެންދެއެވެ. އެގޮތުން އިންޑިއާގެ އެކި ސަރަހައްދުތަކުގަޔާއި ސްރީލަންކާ އާއި، މެލޭޝިއާގައި ތިބި އެތައް އާއިލާތަކެއް ވަނީ ޤައުމަށް ގެނެސްދީފައެވެ. އޭގެތެރޭގައި ވަރަށް އުނދަގޫ ބިރުވެރި މާހައުލެއްގައި ދިރިއުޅުނު ދިވެހިންވެސް އެ ބިރުވެރި ނުރައްކާތެރި ވަގުތުގައިވެސް ވަނީ އަނބުރާ ޤައުމަށް ގެނެސްދީފައެވެ. މީގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ރާއްޖެއިން ބޭރުން މީހުން ގެނައުމުގައި ނަގަންޖެހޭ ހުއްދަތައް ނެގުމުގައިވެސް ފޮރިންގ މިނިސްޓްރީން ދަނީ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެކެވެ. ބައިނަލްއަޤްވާމީ ދަތުރުފަތު ހުއްޓިފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަސާސީ ބައެއް މުދަލާއި ބޭހުގެ ބާވަތްތައް ރާއްޖެ ގެނައުމަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ނަމަވެސް އެ ދަތިތައް ފިލުވައި ރާއްޖެއަށް ކޮންމެހެންވެސް ގެނަންޖެހޭ ތަކެތި އެއްވެސް މެދުކެނޑުމެއްނެތި ލިބޭނެ ގިނަ ގޮތްތަކެއް ހޯދުމުގައިވެސް މިނިސްޓްރީ އޮތީ އަވަދިނެތި މަސައްކަތުގައެވެ.

އެގޮތުން އިންޑިއާގެ އެކި ސިޓީތަކުގައި ތާށިވެފައިހުރި ބޭހުގެ ގިނަ ބާވަތްތަކެއް އިންޑިއާގެ އެއަރފޯސް މަތިންދާ ބޯޓެއްގައި ވަނީ ރާއްޖެ ގެނެސްފައެވެ. ހަމައެހެންމެ އެހެން ޤައުމުތަކުގައި ހުރި މިފަދަ ޒަރޫރީ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް މިނިސްޓްރީގެ އިސްނެގުމާއެކު ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުން --

ހަމައެހެންމެ ދުނިޔޭގެ ގިނަ ޤައުމުތައް ފުރަބަންދުކޮށް ކާފިއު ހިންގަމުންދާ މިވަގުތު އެ ޤައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ ތަކެތި ލިބުމގަޔާއި ޒަރޫރީ ބޭނުންތައް ފުއްދުގައިވެސް ވަނީ ދަތިތަކެއް އުފުލަންޖެހިފައެވެ. ހުރިހާ ޤައުމެއްވެސް ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާއިރު ބޭރު ޤައުމުތަކުގައި ތިބި އެޤައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުން ވެގެންދާނީ ނުރައްކާތެރި އަދި ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި އުޅޭ އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ކޯވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރިފައިވީ ނަމަވެސް މިކަމުގައި ދިވެހި ސަރުކާރުން އަންނަނީ ތަފާތު ދައްކަމުންނެވެ.

ސަރަހައްދީ ޤައުމުތަކަށް ބެލިކަމުގައި ވީނަމަވެސް ކެއަރ ޕެކޭޖު ފޮނުވުމަކީ އެޤައުމުތަކުގައި ކޮށްއުޅޭކަމެއް ނޫނެވެ. ނަމަވެސް ދިވެހި ސަރުކާރުން އަންނަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި އާއިލާތަކަށް އެހީގެ ތަކެތި ފޮނުވާދެމުންނެވެ. އެއްވެސް ޤައުމެއް ތަފާތުކުރުމެއް ނެތިއެވެ. މިގޮތުން އިންޑިއާގެ ކޮޗިންނާއި ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯއާއި، މެލޭޝިއާގައި ދިރިއުޅޭ އާއިލާތަކަށް ވަނީ މިވަގުތަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި ބޭސް ފޯރުކޮށްދީފައެވެ. އެ ތަކެތި އެ ޤައުމުތަކަށް ފޮނުވާ އެ އާޢިލާތައް ދިރިއުޅޭ ގޭބީސީތަކުގެ ދޮރާއްޓާއި ހަމައަށް ސަރުކާރުގެ ޚަރަދުގައި އެ ތަކެތި ގެންގޮސްދެމުން އަންނަކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މުޙައްމަދު މިއުވާން ވިދާޅުވިއެވެ.


"މި ތަކެތި ފޮނުވާ ސިޓީތަކަކީ ލޮކްޑައުންގަ އޮތް ސިޓީތަކެއް. ގޭގެއާއި ހަމައަށް ގެންދިއުމުގައި ދަތިތަކެއް އެބަހުރި. ނަމަވެސް އެދަތިތަކާއެކުވެސް އެ ޤައުމުތަކުގެ ސަރުކާރުތަކާއި ވާހަކަދައްކައިގެން އެތަކެތި ގޭގެއާއި ހަމައަށް ގެންގޮސްދެމުން މިދަނީ." ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މުޙައްމަދު މިއުވާން ވިދާޅުވިއެވެ.


މީގެ އިތުރުންވެސް އެއްވެސް ދިވެއްސަކަށް އެމެޖެންސީ ކަމެއް ދިމާވެއްޖެނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިންނަށް ގުޅުމަށް އެ މިނިސްޓްރީން ދަނީ އިލްތިމާސްކުރަމުންނެވެ. ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހިން އެހީތެރިކަމަށް އެދި ދުވާލެއްގެ މައްޗަށް 1000 ވުރެ ގިނަ ކޯލް ކުރާކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ހުރިހާ ފަރަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެތެރޭގައި ޑިޕްލޮމެޓިކް މިޝަންތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފިޔަވާ އެހެން ޚިދުމަތްތައްވެސް ފޯރުކޮށްދެމުން އަންނަކަމަށް މިއުވާން ވިދާޅުވިއެވެ.


"މިސާލަކަށް ބޭސް ގަންނަން ދިއުން. ނަމަވެސް މިހާލަތުގައި ބައެއް ޤައުމުތައް ލޮކްޑައުންގައި އޮތުމުން ފާމަސީތަކަށް ގޮސް ބޭސް ގަތުމަށް ބައެއް ދިވެހިންނަށް ދަތިވާތީ އެ އެހީތެރިކަން އަޅުގަނޑުމެން އެބަ ފޯރުކޮށްދެން. ސްރީލަންކާ އިންޑިއާ މެލޭޝިއާގައި އަޅުގަނޑުމެންގެ ކޮންސުލޭޓްގެ މުވައްޒަފުން ފާމަސީތަކަށްގޮސް ބޭސްނަގާހަ އެބޭފުޅުންނަށް އެބަ ފޯރުކޮށްދޭ. މި ދަންނަވަނީ ދިވެއްސަކު ހާލުގައި ޖެހުނަ ނުދޭނަމޭ. ކަމެއް ދިމާވެއްޖާ އަލުގަނޑުމެންނަށް އަންގާށޭ." ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މުޙައްމަދު މިއުވާން ވިދާޅުވިއެވެ.

މި ބަލިމަޑުކަމުގެ ވަގުތުގައި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަމަށް ބޭނުންވެފައިވާ މިވަގުތު ރާއްޖެއަށް އެހީ ހޯދުމުގައި ވެސް ފޮރިންގ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެތައް ޤައުމެއްގެ އެކި ފެންވަރުގެ ބޭފުޅުންނާއި ގުޅުއްވައި ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެނޫންވެސް އެހީތައް ހޯއްދެވުމަށް އަންނަނީ މަޝްވަރާކުރައްވަމުންނެވެ.

އެހެންކަމުން ރާއްޖެއަށް މިއޮތް ދަތި އުނދަގޫ ވަގުތުގައިވެސް އެއްވެސް ވުޒާރާއަކުން އަދި އިދާރާއަކުންވެސް ފަސްޖެހުމެއްނެތި ދިވެހިންނަށް އހީތެރިވުމުގައި ދަނީ މިސާލު ދައްކަމުންވެ. ސިއްޙީ ޚިދުމަތްތެރިންނެކޭ އެއްގޮތަށް އެހެން ދާއިރާތަކުންވެސް ކުރަމުން އަންނަނީ އަގުނުކުރެވޭހާ ބޮޑެތި ޚިދުމަތްތަކެކެވެ. ޤައުމީ ޚިދުމަތެކެވެ.