ކޯވިޑް-19

ކޯވިޑް-19 : ސްކޫލްތައް އަލުން ހުޅުވުމުން ސިލަބަސް ކަވަރކުރުމުގެ ކަންކަން ކުރިއަށްދާނެ - އެޑިއުކޭޝަން މިނިސްޓަރ


ކޯވިޑް-19އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަންޖެހުނުނަމަވެސް، މިވަގުތު ހުރިހާ އަމާޒެއް ހުރީ ގޭގައި ދަރިވަރުންނަށް ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމުކޮށްދިނުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ދިގު މުއްދަތަކަށް ސްކޫލްތައް ބަންދުކުރަންޖެހުމުން، ދަރިވަރުންގެ ސިލަބަސް ކަވަރކުރުމާމެދު ބައެއް ބެލެނިވެރިންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރޭކަމަށެވެ. ނަމަވެސް ސްކޫލްތައް އަލުން ހުޅުވުނުހާ އަވަހަކަށް ސިލަބަސް ކަވަރ ކުރުމުގެ ކަންކަން ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލައި އެކިއެކި އެލަރޓް ލެވެލްތަކަށް ޚާއްސަ އެސް.އޯ.ޕީތަކާއި އެޑިއުކޭޝަން އިމަރޖެންސީ ޕްލޭން އެ މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާކަމަށެވެ. އަދި ދިގު މުއްދަތަކަށް ސްކޫލްތައް ބަންދުކުރުމުން ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދެވޭނެ އިތުރު އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި، މިކަން ކުރުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރަމުންދާ ގޮތްތަކަށް ބަލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ސްކޫލްތައް އަލުން ހުޅުވުމުން ސިލަބަސް ފުރިހަމަ ކުރުމުގެ ކަންކަން ފެށިގެންދާނެކަމަށެވެ. އެހެންނަމަވެސް މިވަގުތު އެންމެ ބޮޑު ސަމާލުކަމެއްދެނީ މި ހާލަތުގައިވެސް ދަރިވަރުންނަށް ގޭގައި ތިބެގެންވެސް އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްކަމަށެވެ. އެގޮތުން ބްރޯޑްކާސްޓުކޮށްގެން ދައްކާ ޕްރޮގްރާމްތަކާއި، ގޫގަލް ކްލާސްތައް މެދުވެރިކޮށް ގެނެސްދޭ ކޮންޓެންޓްތަކުގައިވެސް ލިޔަން ކިޔަން ދަތުމާއި، ހިސާބު ޢިލްމު ކުރިއެރުވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލްތައް އަޅުން ހުޅުވުނީމަ ސިލަބަސް ކަވަރ ކުރުމުގެ ކަންކަންވެސް ކުރިއަށްދާނެ. އެ ޕްލޭންތައް އަޅުގަނޑުމެން ހަދަމުން މިދަނީ. މިވަގުތު މައިގަނޑު އަމާޒަކީ ދަރިވަރުންނަށް ގޭގައި ތިބެގެންވެސް ކިޔެވޭނެ ގޮތްތައް ފަހިކޮށްދިނުން. ވަކިން ޚާއްސަކޮށް ކުދިންގެ ލިޓްރެސީ އެންޑް ނިއުމަރެސީއަށް މެއިން ފޯކަސް މިދެނީ" ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ޓީވީއާއި އިންޓަރނެޓްގެ އެކްސެސް ނެތް ކުދިންނަށްވެސް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އެގޮތުން އެފަދަ ކުދިންގެ ގޭގެއަށް ފިލާވަޅުތައް ފޮނުވައިގެން ނުވަތަ ބެލެނިވެރިޔާގެ ފޯނަށް ޓީޗަރު ގުޅައިގެންވިޔަސް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސަަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ ނޫންގޮތެއް ނެތްނަމަ، އެ ދަރިވަރަކު ސްކޫލަށް ގެނެސް، ބަހައްޓަންޖެހޭ ދުރުމިން ބަހައްޓައިގެން އިންޓަނެޓް ފަދަ ވަސީލަތްތަކަށް އެކްސެސްވެނޭގޮތް ހެދުމާގުޅޭގޮތުންވެސް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތައް ބަންދުކޮށްފައިވީނަމަވެސް، ދަރިވަރުން ގޭގައި ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތް ބެލެނިވެރިން ވީހާވެސް ގާތުން ބަލައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ޚާއްސަ ސަމާލުކަމެއްދެއްވުމަށް މިނިސްޓަރ ވަނީ ބެލެނިވެރިންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.

ހާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލައި ސްކޫލްތައް އަލުން ހުޅުވަން ސަރުކާރުން ނިންމަވައިފިނަމަ، ރައްކާތެރިކަމުގެ ގޮތުން ސްކޫލްތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ޔުނިސެފްއާއި ގުޅިގެން ހަމަޖައްސަމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.