ޚަބަރު

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށަށް


  • މާލެ ސަރަހައްދުން ހިމަބިހީގެ 5 ކޭސް ފެނިފައިވޭ

  • ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 269އަށް އަރާފައި

  • މިހާތަނަށް 16،368 މީހުންނަށް ވެކްސިން ދީފައިވޭ

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 269 އަށް އަރާފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެނެއެވެ. ރާޢްޖެއިން މިބަލި އެއްކޮށް ނައްތާލާފައިވީ ނަމަވެސް، ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެޗްޕީއޭއިންވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވީ މީހުން ދެނެގަނެ ވެކްސިން ދިނުމާއި، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިފިޔަވަޅުތަކާއިއެކު މިހާރުވަނީ ބަލި ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ހިމަބިހީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 5 މީހުންނެވެ. މިއާއެކު ރާއްޖޭގައި 269 މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ވަނީ ރިކޯޑު ކުރެވިފައެވެ.

ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،368 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ޞިއްޙީ ފަރުވާދޭ ތަނަކަށް ދާއިރު މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް ވަނީ، އިލްތިމާސް ކުރައްވާފައެވެ.

ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ، ފަރުދީގޮތުން ކުރަންޖެހޭ މުހިއްމު ކަމެކެވެ.