ކޯވިޑް-19

ކޯވިޑް-19 : ފިޔަވަޅުތަކަށް ލުއި ދެވެންއޮތީ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަޤީންވުމުން - ޑރ.ނަޒްލާ


ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ގެނެވެންއޮތީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މުޖުތަމަޢުގެ ތެރޭގައި މިބަލި ނުފެތުރޭކަން ޔަޤީންކުރުމަށްފަހުކަމަށް ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓްގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތައް މުރާޖަޢާކުރުމާއި ޙާލަތަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި ޙާލަތު ބަދަލުކޮށް ޢާއްމު ޙާލަތަކަށް، ކަންކަން ގެންނަން ރައްޔިތުންވެސް ބޭނުންވާނެކަން ޤަބޫލުކުރައްވާކަމަށާ، ނަމަވެސް މިކަމުގައި ފަރުވާކުޑަކުރާނަމަ، ޢާއްމު ޙާލަތަކަށް ކަންކަން ގެނައުމުގައި ވަގުތު ނަގާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރޭތޯ ބެލުމުގެ މަސައްކަތް ދެގޮތަކަށް މިހާރުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގައި މައްސަލަތައް ދިމާވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންނާއި އެކިއެކި ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ޢަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭ މީހުން ޓެސްޓްކުރަމުންދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ޓެސްޓަކުން، ކޮމިއުނިޓީ ސްޕްރެޑެއް ރާއްޖޭގައި އުޅޭކަން ފާހަގަކުރެވިފައިނުވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ އަޅުގަނޑުމެން ދެގޮތަކަށް އެބަ ބަލަން. ފުރަމަތަ ގޮތަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުރެގެން އެޑްމިޓްކޮށްފައި ތިބި މީހުން ޓެސްޓުކުރުން. އެޗް.ޕީ.އޭއިން ޤަވާއިދުން މޮނިޓަރކުރަމުންދާނެ އެފަދަ ޕޭޝަންޓުން. ދެން ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިންވެސް ޝައްކުވާ ޢަލާމަތްތައް ހުރި ފަރާތްތަކުގެ ސާމްޕަލް ނަގާ އެބަ ޓެސްޓްކުރަން. މިހާތަނަކަށް މިގޮތަށް ހެދުން ޓެސްޓުތަކަކުން ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމުގެ އިންޑިކޭޝަނެއްނެތް" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖައި ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް މިވަގުތުނެތް ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިކަމެއް ގެނެވެން އޮތީ، އެކަން އިތުރަށް ކަށަވަރުކޮށް ޔަޤީންކުރުމަށްފަހުކަމަށެވެ. އަދި އެއްވެސް ސަރުކާރުގެ ފަރާތުން އެއްވެސް ހާލެއްގައި ރިސްކެއް ނަގަން ބޭނުންނުވާކަމަށާއި، މިހާރު އަޅާފައިހުރި ފިޔަވަޅުތައްވެސް މުރާޖަޢާކުރުމުގެ ކަންކަން ކުރަމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ހުރިތޯ ނުވަތަ ނެތްތޯ ޔަޤީންކުރަން އިތުރު ސްޑަޑީއެއް ހެދުމަށް. މިހާރު ކޮންކޮން ބައެއްގެތޯ ސާމްޕަލް ނަގާނީ، ކިހިނެއްތޯ، ކިތައް ސާމްޕަލްތޯ. އޭގެ މަސައްކަތްތައް މިދަނީ ކުރަމުން. އަދި ނެގިފައި ހުރި އެކި މެޝާޒްތައް އެކި ހާލަތްތަކާއި ގުޅުވައިގެން ރިވައިޒްކުރުމަށް ޓީމެއް ނަގާ، އެކަންވެސް ކުރަމުން މިދަނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިކުރާ މަސައްކަތްތަކުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުން އަދިވެސް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަކު ދެމީހަކު ޢަމަލުކުރުމަކުން އަދި އެކަމުގެ ނަތީޖާ ނުފެންނާނެކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެންމެ މީހަކަށް ހެދޭ ގޯހަކުންވެސް މުޅި ޤައުމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެކަމަށާއި، މިކަމާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ދަތިވިޔަސް އެންމެގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފިޔަވަޅުތަކަށް ތަބާވެ ކިޔަމަންތެރިވުމަކީ އެންމެ މުހިންމުކަމްތައް ކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.