ޚަބަރު

ހުޅުމާލޭގެ ޓްރެފިކް މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

  • މިދިޔަ ހަފުތާގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގި

ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވުޒާރާއިން ފުލުހުންނާއި، ހައުސިން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ)އާއެކު މަޝްވަރާކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތްގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މި މައްސަލަތަކާއި ގުޅިގެން މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ނިމިދިޔަ ހަފުތާގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވެއެވެ. ފުލުހުން ވަނީ، މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ބަލަންޖެހޭ ކަންކަން ފާހަގަކޮށް، އެކަން ކަމަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އަމާންކަމާއި ސަލާމަތްތެރިކަމަކީ ހަމައެކަނި ފުލުހުންނާއި ކަމާބެހޭ އިދާރާތަކާއި ޤާނޫނުތަކުން އެކަނި ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ. އެއީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ހޭލުންތެރިކަމާއި، އަނެކާއަށް ބަހައްޓާ އޯގާތެރިކަމާއި، ކަމޭހިތުމަކުން ނޫނީ ހޯދޭނެ ކަމެއް ނޫންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ، 22 ކަމަކަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އޭގެތެރޭގައި އެއް އުޅަނދު އަނެއް އުޅަނދާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމާ، އުޅަނދުގެ ކޮންޓްރޯލް ގެއްލޭގޮތަށް ބާރު ސްޕީޑުގައި ނުދުއްވުމާއި، ޓްރެފިކް ޤަވާއިދުތަކަށް ބޯލެނބުމާއި، ނުރައްކާތެރި އޯވަޓޭކްތަކުން ދުރުހެލިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެއިތުރުން ދުރާލާ ސިގްނަލް ދިނުމާއި، އުޅަނދުތަކަށް ޖާގަ ދިނުމާއި، ކަފިހި ހުރަސް ބޭނުންކުރުމުގެ މުހިންމުކަމަށްވެސް ފުލުހުން އަލިއަޅުވާލެއްވިއެވެ.