އައިއޯއައިޖީ

އައިއޯއައިޖީއަށް ރާއްޖޭގެ މެޑިކަލް ޓީމްވެސް ތައްޔާރު


އިންޑިއަން އޯޝަލް އައިލެންޑް ގޭމްސްގައި
ރާއްޖެއިންދާ އެތްލީޓުންނަށް ފަރުވާދިނުމަށް އެކުލަވާލި ފަސްބޭފުޅުންގެ މެޑިކަލް
ޓީމުންވެސް ގޭމްސްއަށް ތައްޔާރުވެއްޖެއެވެ. މިޓީމްގައި ހިމެނޭ ޤައުމީ ފުޓްބޯޅަ
ޓީމްގެވެސް ފިޒީޝަން އަހުމަދު ޝަކޯބް ބުނީ ރާއްޖޭގެ ހުރިހާ އެތްލީޓުންނަށް
ފަރުވާދިނުމަށް ފަސް ބޭފުޅުންވެސް މަދު ކަމަށާއި، ނަމަވެސް އިތުރަށް ބޭނުންވެއްޖެ
ނަމަ ޝީޝެލްސްއިން އިތުރު ޑޮކްޓަރުން ހޯދައިދޭން އޮލިމްޕިކް ކޮމިޓީން އޮތީ
ތައްޔާރަށްކަމަށެވެ. މެޑިކަލް ޓީމްގައި އަންހެން ދެ ބޭފުޅުންވެސް ހިމެނެއެވެ.

ގޭމްސްގައި ވާދަކުރާ އެތްލީޓުންނަށް ފަރުވާދީ ފިޓްކުރުމުގެ
ޒިންމާއާއި ހަވާލުވެފައިވާއިރު އެންމެ ބޮޑު ޗެލެންޖަކީ އެއްވެސް ކުޅުންތެރިއަކު
އަނިޔާވެގެން ނުކުޅެ ހުންނަން ބޭނުން ނުވުންކަމަށް ޝަކީބް ބުންޏެވެ.

" އެއްވެސް ކުޅުންތެރިއަކު އަމިއްލަ ނަފްސް ޤަބޫލެއް ނުކުރާނެ އިންޖަރީވެގެން ނުކުޅެ ހުންނާކަށް. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑުމެން ހުރިހާ ވަގުތެއް ހުސްކޮށްލާނަން ކުޅުންތެރިން ފިޓްކޮށް ފަރުވާދިނުމަށް. " ޝަކީބް ބުންޏެވެ.

ގޭމްސްއަށްދާއިރު ހުރިހާ އެތްލީޓުންވެސް ތިބޭނީ
ފިޓްކޮށްކަމަށް މެޑިކަލް ޓީމުން ޤަބޫލުކުރައްވައެވެ. ގޭމްސްގައި ރާއްޖޭގެ ސަތޭކަ
ސާޅީސް ދެ އެތްލީޓުން ވާދަކުރާނެއެވެ.