ކޯވިޑް-19

ކޯވިޑް-19 : ދިވެހިން އިސްރާފުކުރުން ކުޑަކޮށް އިޤްތިޞާދު ކުރަންވީ ވަގުތު މިއޮތީ ޖެހިފައި!


ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖެއަކީ ވަޞީލަތްތައް މަދު ކުޑަ ޤައުމެކެވެ. އާބާދީ މަދެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށެވެ. ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ގުޅިފައިވަނީ އިމްޕޯޓް އެކްސްޕޯޓާއެވެ. ބޭހާއި، ތެލާއި، މި ނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ގެންނަން މި ޖެހެނީ ރާއްޖޭން ބޭރުންނެވެ. ޢުމްރާނީ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ ލޯނު އެހީގައި ހިންގާ މަޝްރޫޢުތަކެކެވެ. އިޤްތިޞާދު މައިގަނޑުގޮތެއްގައި ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ޢާމްދަނީއެއްގެ މައްޗަށެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުންވެސް، ރާއްޖެވެފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ނާޒުކު އެއް ޤައުމަށެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ މަޝްރަޙަށް ވަކި ޚާއްސަކޮށް ދުނިޔޭގެ އިޤްތިޞާދަށް ކިރިޔާވެސް ލޮޅުމެއް އަންނަނަމަ، އެކަމުގެ ސީދާގޮތުންނާއި ނުސީދާގޮތުންވެސް ރާއްޖެއަށްކުރާ މިންވަރު ބޮޑެވެ. މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ، މުޅި ދުނިޔެ އެކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ދުނިޔޭގެ އިޤްތިޞާދު މިވަނީ ފަހުގެ ތާރީޚެއްގައި ދަށަށް ގޮސްފައި ނުވާ މިންވަރަށް ދަށަށް ގޮސްފައެވެ.

އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން މިވަނީ މަޑުޖެހިފައެވެ. ދުނިޔޭގެ އެންމެ ތަހުޒީބުވެ ކުރިއަރާފައިވާ ޤައުމުތަކާއި، އިޤްތިޞާދީގޮތުން ފުދުންތެރި، ތަނަވަސް ޤައުމުތަކުންވެސް ގޮތްހުސްވެ، މިކަމުން އަރައިގަތުމުގައި އެއް ޤައުމު އަނެއް ޤައުމެއްގެ މަދަދަށް ދަނީ އެދެމުންނެވެ. ދުނިޔޭގެ ހާލަތު މިހެން އޮތްއިރު، އަޅުގަނޑުމެން ރާއްޖޭގެ ހާލަތު އޮތީ ކިހިނެއްތޯއެވެ؟

ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެ ފާހަގަކުރެވެއެވެ. ރާއްޖެއަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާޢަތަށް އެކަނި ބަލާލިޔަސް، ބުކިންގތައް ކެންސަލްވަމުންދާ މިންވަރު މިކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، މިހާރުވެސް 23 އިންސައްތައަށްވުރެ ބޮޑަށް ދަށަށްގޮސްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ލައްކައަކަށްވުރެ ގިނަ ބުކިންގތައް ކެންސަލްވެފައިވާއިރު، އޮންއަރައިވަލް ވިސާދޫކުރުން ރާއްޖޭންވެސް ވަގުތީގޮތުން ހުއްޓާލުމާއެކު ރިސޯޓުތައް ދަނީ ފަޅުވަމުންނެވެ.

މި އަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެކަމަށް ކުރިން އަންދާޒާކޮށްފައިވީނަމަވެސް ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެކަމަށް މީގެކުރިން އަންދާޒާކުރިނަމަވެސް ކޯވިޑް19-ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ކުރިން ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެކަމަށް، މިހާރު އަންދާޒާ ކުރެވޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޤްތިޞާދީގޮތުން ޤައުމަށް އަންނަމުންދާ ހީނަރުކަމާއި ދަތިތަކާއެކުވެސް ސަރުކާރުން މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދިނުމަށެވެ. ކޮންޓިންޖެންސީ ބަޖެޓްތަކާއި ސްޓިމިއުލަސް ޕްކޭޖްތަކުގެ އިތުރުން، ބައިނަލްޢަޤްވާމީ މާލީ އިދާރާތަކުގެ އެހީތައް މެދުވެރިކޮށް ވިޔާފަރިތަކަށްވެސް މިދަނޑިވަޅުގައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. ކެއުންބުއިމަށް އަދާކުރަމުންދާ ވަޒީފާތައް ގެއްލުނަނުދީ، އާއްމު ރައްޔިތުންނަށްވެސް މާލީގޮތުން ދެވެންހުރި ލުއިތައް ދެމުންނެވެ.

ޝައްކެއްވެސް ނެތެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ ޤައުމެއް ސަރުކާރެއްގެ ޒިންމާއެކެވެ. ނަމަވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި އަޅުގަނޑުމެން ރައްޔިތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާއަކާއި، މައްސޫލިއްޔަތެއް އެބައޮތެވެ. އެއީ އިސްރާފުކުރުން މަދުކޮށް، އިޤްތިޞާދު ކުރަން ދަސްކުރުމެވެ.

ސަރުކާރު އޮފީސްތަކާއި، ސްކޫލްތައް ބަންދުކުރުމުން، ފަހަރުގައި ހިންގުމުގެ ޚަރަދުތައް ކުޑަވުން އެކަށީގެންވެއެވެ. ނަމަވެސް ގޭތެރޭގައި އަޅުގަނޑުމެން މި ހޭދަކުރާ ވަގުތުތަކުގައިވެސް ފެނާއި ކަރަންޓް ބޭނުންކުރުމުގައި އިސްރާފުކުރުމާއި ދުރުހެލިވާން އެބަޖެހެއެވެ. ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލާ، މިދަނޑިވަޅުގައި ކޮންމެހެން ހޯދަންޖެހޭ އެއްޗެއް ނޫނީ ނުހޯދުން ބުއްދިވެރިއެވެ. ވަކިން ޚާއްސަކޮށް ކުރިއަށްއޮތީ ރަމަޟާން މަސްކަމަށްވެފައި، އެއީ އާއްމުކޮށްވެސް ދިވެހިންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެންދާ ދުވަސްވަރެއްކަމުން، އިސްރާފުކުރުމުން އެއްކިބާވެ، އިޤްތިޞާދުކުރުމުގެ އާދަ އަށަގެންނެވުން މިއީ މިދަނޑިވަޅުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލުން މުހިއްމު ކަމެކެވެ.