ކޯވިޑް-19

ކޯވިޑް-19 : "ކޯވިޑް ވިލެޖް" އަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފި


ކޯވިޑް-19އާއެކު ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށްޓަކާ ސަރުކާރުން މާލޭ ސަރަޙައްދުގައި ތަރައްޤީކުރާ ހޮސްޕިޓަލަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމާގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މަޝްވަރާކުރައްވައިފިއެވެ.

"ކޯވިޑް ވިލެޖް"ގެ ނަމުގައި ކޯވިޑް-19 ޖެހިގެން އެންމެ ނުރައްކާތެރި ހާލަތަށްދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކަމާގުޅުންހުރި ފަރާތްތަކާއެކު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބޭއްވެވި މިބައްދަލުވުމުގައި ވަނީ އެތަން އޮޕަރޭޓްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ތަރައްޤީކުރާ ކޯވިޑް ވިލެޖްގެ މަސައްކަތް މިމަހުގެ 15 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. މި ތަނަކީ އެންމެ ނުރައްކާތެރި ހާލަތަކަށްދާ ބަލި މީހުންނަށްވެސް ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާނެ އައި.ސީ.ޔޫއާއި ވެންޓިލޭޓަރ ފަދަ ވަޞީލަތްތަކާއެކު ޤާއިމުކުރާތަނެކެވެ.

ކޯވިޑް ވިލެޖްގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމް.އެން.ޑީ.އެފުންނެވެ. އަދި މިކަމުގައި، އެޗް.ޑީ.ސީ، އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ، ފެނަކަ ކޯރޕަރޭޝަން، އެސް.ޓީ.އޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ މުވައްޒަފުންވެސް ދަނީ ބައިވެރިވަމުންނެވެ.

ކޯވިޑް 19ގެ މިހާރުގެ ހާލަތުގައި މިބަލިޖެހޭ މީހުންނަށް ރާއްޖޭގައި ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލިދޫއާއި ފަރުކޮޅުފުށީގައެވެ. ކޯވިޑް 19 ޖެހިގެން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ އިނގިރޭސިވިލާތުން ރާއްޖެއައި 4 ދިވެހިންނަށެވެ.