މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާތައް ކޮށްފައިވަނީ، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މާނިޢުއާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވާފައެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ.
މީގެއިތުރުން ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަހަރުގެ ޖުލައިމަހު "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި އޮފީހެއް އުފައްދަވާފައެވެ. މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގުރާމުތައް އެކުލަވާލައި ތަންފީޒުކުރުމަށް އުފެއްދެވި އޮފީހެކެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރާނީވެސް މި އޮފީހުންނެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވާލައި، އެ ޕުރޮގުރާމުތައް ތަންފީޒު ކުރުން ހިމެނެއެވެ. އަދި މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް އެކުވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެއެވެ.