ކޯވިޑް-19

ކޯވިޑް-19 : ފުރަބަންދުގައި ތިބޭއިރު ފޫހިފިލުވުމަށް ކުރާނީ ކޮންކަމެއް؟


އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ބިޒީ ލައިފްއަކަށް ލޯބި ކުރާ ބަޔަކެވެ. ތަންތަނަށް ދަތުރުކުރުމާއި، އައު ކަންކަން ތަޖުރިބާކުރުން މިއީ ތަރައްޤީވެ ކުރިއަރާފައިވާ މި ޒަމާނުގައި ގިނަ ބަޔަކު ޝަޢުގުވެރިވާކަމެކެވެ. ވަޒީފާތަކަށް ދިއުމާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރުގައި ގިނަވަގުތުތަކެއް އަޅުގަނޑުމެން ހޭދަކުރެއެވެ. ޢާއިލާ މީހުންގެގާތަށް ޒިޔާރަތްކުރުމާއި، ރައްޓެހިންނާއެކު ކޮފީތަކަށާއި މިފަދަ އެހެނިހެން ތަންތަނަށް ނުދެވޭކަމަށްވާނަމަ، މިހާރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދުވަސް ފުރިހަމަ ނުވާނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

ހަލުވިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19އާއެކު މިދެންނެވި ބިޒީ ދިރިއުޅުމަށް ލޯބިކުރާ މީހުން ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކާ ޤައުމުތަކުން އަޅަމުންދާ އެކިކަހަލަ ފިޔަވަޅުތަކާއެކު، ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބިޒީ ސިޓީތަކާއި އަވަށްތަކުގެ މަގުތައްވެސް ފެނިގެންދަނީ މުޅިން ފަޅުކޮށެވެ. ޞިއްޙީ ފަރާތްތަކުން ކުރާ އިލްތިމާސްތަކާއެކު ޢާއްމުން އެއްވެއުޅުން މަދުކުރުމަށްޓަކައި އެކި ޤައުމުތަކުން އަޅާފައިވާ ލޮކްޑައުން ކުރުމާއި ކާފިއު އިޢުލާންކުރުންފަދަ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު މިވަނީ ގޭގެ 4 ފާރުތެރޭގައި ބަންދުވެފައެވެ.

ރާއްޖޭގައިވެސް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އެންމެބޮޑު އިރުޝާދަކީ މިދުވަސްކޮޅު ބޭރުގައި އުޅުން ވީހާވެސް މަދުކޮށް، ގޭގައި ތިބުމެވެ. އަދި ޢާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުންފަދަ ފިޔަވަޅުތައް ވަނީ އަޅުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުކަމަށްވާ މާލެ ސިޓީގައި މިވަނީ މީހުން މަގުމައްޗަށް ނުކުމެ އުޅުން މަނާ ވަގުތުތަކެއްވެސް ކަނޑައަޅާފައެވެ.

އާއްމުކޮށް ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް، އާއްމު ދިރިއުޅުމުގައި ފޫހިފިލުވުމަށް ކުރާ ކަންކަމުން ދުރުވެ، ގޭގައި ބަންދުވެފައި ތިބުން މިއީ ކުރަން އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ކުރާނެ ކަމެއްނެތި ފޫހިވެގެން ސޯޝަލް މީޑިއާގައި ސްޓޭޓަސް އަޕްޑޭޓްކުރާ މީހުންވެސް މަދެއްނޫނެވެ. ނަމަވެސް މިގޮތަށް ތިބޭ ތިބުމުގައިވެސް ޝަޢުގުވެރި ކަންތައްތަކެއް ކުރެވިދާނެކަން، ސޯޝަލް މީޑިއާއަށް ބަލާލުމުން ހާމަވެއެވެ. ތަފާތު އެކި ނަންނަމުގައި ތަފާތު ޗެލެންޖްތަކާއި ގޭމްތަކުން މުޅި ސޯޝަލް މީޑިއާ މިދަނީ ފުރާލަމުންނެވެ.

މިދުވަސްކޮޅު ރާއްޖޭގައިވެސް ސްކޫލްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ގިނަ ޢަދަދެއްގެ ސްކޫލް ދަރިވަރުންވެސް މުޅި ދުވަސް ހޭދަކުރާނީ ބެލެނިވެރިންނާއެކު ގޭގައެވެ. އެގޮތުން ބައެއް ސްކޫލް ކުދިން ވަނީ، ގޭގައި އެކުދިންކުރާ ބައެއްކަންކަން ޕީ.އެސް.އެމް ނިއުސްއާ ވީޑިއޯ މެދުވެރިކޮށް ޙިއްސާކޮށްފައެވެ.

ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި، ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ޙަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސްކުރުމަށް ސަމާލުކަން ދިނުން މިއީ ބެލެނިވެރިންވެސް ވިސްނާލަންޖެހޭ ކަމެވެ.

މީގެއިތުރުން ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި އެކުދިން، ބައިވެރި ކުރުވުމާއި ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނެ ހަރަކާތްތަކުގައި މަޝްޣޫލުކުރުމާއި، ކުދިންގެ ނަފްސާނީ، ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން މިއީ މުހިންމު ކަމެކެވެ.

ކުޑަކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެގެންދާކަމެއްކަމަށް މާހިރުން ވިދާޅުވެއެވެ. ކުޑަކުއްޖަކު ނެތް ގެއެއްގައި ނަމަވެސް ކުރާނެކަމެއްނެތި ހުރުމުގެ ބަދަލުގައި ހެލިފެލިވެ އުޅެވޭ އަދި ޞިއްޙަތަށްވެސް ފައިދާ ހުރި ކަމެއް ކުރުމުގައި ދުވަސް ހޭދަކުރެވިދާނެއެވެ.