ޚަބަރު

"އައު މޮޑެލްތަކާއެކު ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ނަތީޖާ ރަނގަޅު"


  • އައު މޮޑެލްތަކަށް ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރޭ

  • ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަތުރުވެރިކަން ގެންދަން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވި

އައު މޮޑެލްތަކާއެކު ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ނަތީޖާ ރަނގަޅުކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން އެފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ހުށަހަޅާދެއްވި ޕްރެޒެންޓޭޝަންގައެވެ. ވަޒީރު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން މަދު ދާއިރާތަކުން ސިނާޢަތް އިތުރަށް ކުރިއެރުވުންކަމަށެވެ. އެގޮތުން ސަރުކާރުން ކުރި މަސައްކަތްތަކާއެކު، އައު މޮޑެލްތަކާއެކު ފަތުރުވެރިކަން ހިންގަން ފެށުމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް، ހަލާލު ޓޫރިޒަމްފަދަ ކޮންސެޕްޓްތައް ތަޢާރަފްކޮށް، އެ ދާއިރާތަކުން ފަތުރުވެރިކަން ކުރިއަރުވަން ގިނަ ލުއިތަކެއް ސަރުކާރުން ގެންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތިން ތަނެއް މިހާރު ހަވާލުވެސްކޮށްފި. ޑިވެލޮޕިން ސްޓޭޖްގައި ދެ ފަރާތެއް ޕްލޭނެއް ހުށަހަޅަައިގެން ކުރިއަށްގެންދަނީ. ރާއްޖޭގައި ނެތް ބައެއް މޮޑެލްތަކަށް ތަންތަން ޑެވޮލެޕްކުރަން ބައެއް ބޭފުޅުން އެބަވޭ ފައްޓަވާފައި. އެއީ ލީސް އިކުއިޒިޝަންފީ ނުވަތަ ޓެކްސް ނިޒާމުގެ ތެރެއިން ވަރަށް ގިނަ ލުއިތަކެއް ދީގެން." ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ހިނގަމުންދަނީ މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު ކުޑަ ސަރަހައްދެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުންކަމަށް ވިދާޅުވިއެވެ. އެ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށާއި، ފާއިތުވި 30އަހަރު ދުވަހުވެސް ނުކުރެވިވާ މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ސްޓްރެޓީޖިކް މުހިއްމު މަޝްރޫޢުތަކެއް ހިންގަމުންދާކަމަށް ވިދާޅުވެ އޭގެތެރެއިން މައިގަނޑު 3 ކަމެއް ފާހަގަކުރެއްވިއެވެ. ފުރަތަމަކަމަކީ އައްސޭރި ޓޫރިޒަމެވެ. އައްސޭރި ޓޫރިޒަމްގެ ދަށުން އައްޑޫގައި 6000 އެނދާއި، ސީޕްލޭން ހަބަކާއި، 10،000 ވަޒީފާ ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

އިންޓަރގްރޭޓެޑް ޓޫރިޒަމްގެ ދާއިރާއިން، ފުވައްމުލަކުގައި އީކޯ ޓޫރިޒަމްގެ ފުރުސަތު ތަނަވަސްކޮށް، ސިޓީ ހޮޓަލެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރު ހަތަރު ރަށެއްގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަސައްކަތްތައް ކުރިއަށްގެންދަން އިޢުލާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހަލާލު ޓޫރިޒަމްގެ މަސައްކަތް 4 ރަށެއްގައި އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެނިހެން ސްޓްރެޓީޖިކް ދާއިރާތަކުގެތެރޭގައި، ލޯކަލް ޓޫރިޒަމް، ކަލްޗަރަލް ޓޫރިޒަމް، ސަރފިން ޓޫރިޒަމް، ވިޒިޓަރ ސެންޓަރ، ރިސޯޓް ތަރައްޤީކުރުން، އެއަރޕޯޓް އަޕްގްރޭޑިންގެ މަސައްކަތް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.