މުޅި ރާއްޖޭގެ ޔޫޓިލިޓީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. ސަރުކާރުންވަނީ ފެނަކަ އުވާލާ، ރާއްޖޭގެ ހުރިހާ ރަށެއްގެ ޔޫޓީލިޓީގެ ޚިދުމަތް ސްޓެލްކޯގެ ދަށުން ފޯރުކޮށްދިނުމަށް ނިންމަވާފައެވެ.
ރަށްރަށަށް ޔޫޓިލިޓީގެ ޚިދުމަތް ދެމުންދިޔަ ފެނަކަ އުވާލުމަށް ނިންމާ، ރަށްރަށުގެ ޔޫޓިލިޓީގެ ޚިދުމަތް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމުމާއި ގުޅިގެން ސްޓެލްކޯއިން އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޔޫޓިލިޓީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.
އެކުންފުނިން ވިދާޅުވީ ސަރުކާރުގެ ނިންމުމާއި ގުޅިގެން އަލަށް އެކުންފުންޏާ ހަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސަރވޭތައް މިހާރުކުރަމުންދާކަމަށެވެ. އެގޮތުން ސްޓެލްކޯގެ ޓީމުތަކުން އައްޑޫ ސިޓީއާއި ތިނަދޫ ސިޓީގެ ޔޫޓިލިޓީގެ ޚިދުމަތްތަކާ ބެހޭ ސަރވޭތަކެއް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުންޏާ ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އަލަށް ޙަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސާރވޭތައް މިހާރު ދަނީ ކުރެވެމުން. އެގޮތުން، މި ކުންފުނީގެ ޓީމުތަކުން… pic.twitter.com/ZB0yYnDKvy
— STELCO (@STELCOMALDIVES) September 17, 2026
ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް އެކުންފުނީގެ މަސައްކަތް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށްވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވިދާޅުވީ ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި، މިބަދަލާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކޮށް އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ކުރިން ސަރުކާރުވަނީ 4 އަތޮޅެއްގެ ޔޫޓިލިޓީގެ ކަންކަން އެކުންފުންޏާ ހަވާލުކޮށްފައެވެ. ސްޓެލްކޯއިންދަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ގްރޭޓަރ މާލޭ އޭރިއާގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.