ކޯވިޑް-19

ކޯވިޑް-19 : މި ފެށޭ ހަފްތާގައިވެސް ސްކޫލްތަކާއި ތަޢުލީމުދޭ މަރުކަޒުތައް ބަންދުވާނެ


ރާއްޖޭގައި ތަޢުލީމުދޭ ހުރިހާ ތަންތަނުގައި ކިޔަވައިދިނުން އިތުރު އެއް ހަފްތާއަށް ބަންދުކޮށްފިއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، 5 އޭޕްރީލް 2020 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ރާއްޖޭގައި ތަޢުލީމުދޭ ހުރިހާ ތަންތަނެއް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެންމެހާ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި، ތަމްރީން ދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ. އަދި ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރުޢާން ކްލާސްތަކާއި، އެހެނިހެން ތަޢުލީމުދޭ ކްލާސްތަކުގެ ކިޔަވައިދިނުންވެސް މި މުއްދަތުގެ ތެރޭގައި ވަގުތީގޮތުން މެދުކަނޑާލުމަށް އެ އެޖެންސީން ވަނީ އަންގާފައެވެ.

ރާއްޖޭގައި ތަޢުލީމުދޭ ހުރިހާ ތަންތަން މި ފެށޭ ހަފްތާގައި ބަންދުކުރުމަށް ނިންމާފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން އަންނަ ހަފްތާގައިވެސް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ސަރުކާރުން ވަނީ އެކި މުއައްސަސާތަކަށް އަންގަވާފައެވެ.