ކޯވިޑް-19

ކޯވިޑް-19 : ވައިރަހަކީ ބަޔޮލޮޖިކަލް ހަތިޔާރެއްކަމުގައި ބުނެ ދައްކާ ވާހަކައިގެ ހަޤީޤަތަކީ ކޮބާ؟


ކޯވިޑް-19 އަކީ ޗައިނާއިން އުފައްދައިގެން އުޅޭ ބަޔޮލޮޖިކަލް ހަތިޔާރެއްކަމަށް ތުޙުމަތުކޮށް، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި 20 ޓްރިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެމެރިކާގައި ލޯސޫޓެއް ވަނީ ފައިލްކޮށްފައެވެ.

ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ސާސް-ކޯވިޑް-2 ގެ ނަމުގައި ޗައިނާއިން ބަޔޯ-ވެޕަން އެއް އުފައްދައިގެން އުޅޭކަމަށްބުނެ އެމެރިކާގައި އެކަމާދެކޮޅަށް އަޑުފުލަމުންދާއިރު، އެމެރިކާއަކީ މިހާރު އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޤައުމެވެ. މިކަމާއި ދެކޮޅަށް ޗައިނާގެ މައްޗަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި 20 ޓްރިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ދަޢުވާކުރަމުންދާއިރު، މިއީ ޗައިނާގެ ޖީޑީޕީއަށްވުރެވެސް ބޮޑު އަދަދެކެވެ.

ކޯވިޑް-19 އާއި ގުޅުވައިގެން އެކި އެކި ޚިޔާލީ ކޮންސްޕިރަސީ ތިއަރީތައް އަންނަނީ ފެތުރެމުންނެވެ. މި ބައްޔާގުޅޭ މާ ބޮޑެތި ހޯދުންތަކެއް އަދި ސައިންސްވެރިންނަށާއި، ޞިއްޙީ ތަޖުރިބާކާރުންނަށް ހޯދިފައިނުވާއިރު، އާއްމުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ފަދަ ހަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއް އަންނަނީ ސޯޝަލް މީޑިއާގައިވެސް ދަޢުރުވަމުންނެވެ. އަދި ބާރާއި ނުފޫޒުގަދަ ފަރާތްތަކުން އެކަންކަމަށް ހިތްވަރު ލިބޭގޮތަށް ފަތުރުމަންދާ ވާހަކަތަކާއެކު މިދެންނެވި ފަދަ ކޮންސްޕިރަސީތައް މީހުން ބަލައިގަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

މިއީ ޗައިނާއިން އުފައްދައިގެން އުޅޭ ބަޔޮލޮޖިކަލް ހަތިޔާރެކޭ ބުނެ ދެކެވޭ ވާހަކަތަކަށް އެންމެ ބޮޑަށް ހިތްވަރު ދެއްވާ އެއް ބޭފުޅަކީ އެމެރިކާގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ ޓޮމް ކޮޓޮންނެވެ.

މިކަމަށް ހިތްވަރުދޭ ބައެއް ކޮންސްޕިރަސީ ތިއަރީތައް:

ކޯވިޑް-19 އާއި ޗައިނާއާއި ގުޅުވައިގެން ދެކެވޭ ކޮންސްޕިރަސީ ވާހަކަތަކުގައި އެންމެބޮޑަށް ތުހުމަތު ކުރާ ކަމަކީ މި ބަލި ޗައިނާގައި އެންމެ ފުރަތަމަ ފެތުރިގަނެގެން ދިޔަ ދުވަސްވަރު، ކަވަރ-އަޕް ސްޓޯރީތަކެއް ނުވަތަ އެކަން އޮއްބާލުމަށް ދައްކަމުންދިޔަ ބަހަނާތަކެވެ. ނަމަވެސް ކޯވިޑް-19 އަކީ އައުޓް ބްރޭކެއްގެ ގޮތުގައި ޗައިނާއިންވެސް ޤަބޫލުކުރުމާއެކު ނޮވެލް ކޮރޯނާ ވައިރަސްގެ އިންފެކްޝަންގެ އަސްލު އެންމެ ފުރަތަމަ ފެނުނީ ވޫހާންގައި ހުރި ސީފުޑާއި ޖަނަވާރުންގެ މަސް ވިއްކާ މާރުކޭޓަކުންކަމަށް ޗައިނާއިން ވަނީ ހާމަކޮށްފައެވެ.

މި މާރުކޭޓަކީ ވައިރަސްތަކާ ގުޅޭ އެކި ކަހަލަ ތަޙުލީލުތައް ކުރުމަށް ޗައިނާގައި ޚާއްސަ ކުރެވުނު ފުރަތަމަ ރިސަރޗް ސެންޓަރުކަމަށްވާ "ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ"އާއި ގާތްގަނޑަކަށް 30-25 ކިލޯމީޓަރު ދުރުގައި ހުރި ތަނެއްކަން، ޗައިނާއަށް ދެކޮޅަށް އެމެރިކާގައި ހުށަހަޅާފައިވާ ލޯސޫޓުގައި ފާހަގަކޮށްފައިވެއެވެ.

މި އިންސްޓިޓިއުޓަކީ ކޮންސްޕިރަސީ ތިއަރިސްޓުންގެ މެދުގައި މިކަން ކުރިކަމަށް އެންމެ ބޮޑަށް ޝައްކުރެވޭ ތަނެވެ. އަދި ނޮވެލް ކްރޯނާ ވައިރަސްއަކީ މި ލެބުން ލީކުވެގެން އުޅޭ ނުވަތަ ލީކުކޮށްލައިގެން އުޅޭ ބަޔޮލޮޖިކަލް ހަތިޔާރެއްކަމުގައި އެފަރާތްތަކުން ތުހުމަތުކޮށްފައި ވެއެވެ. މިވާހަކަތަކަށް ލިބޭކަމަށް ބައެއް ފަރާތްތަކުން ބުނާ ކަންތައްތަކުގެ ތެރޭގައި ކެނެޑާގެ ވިރޮލޮޖީ ސެންޓަރަކުން ޗައިނާގެ ދެ ސައިންޓިސްޓަކު އެތަނުގެ ޑިސިޕްލިނަރީ އެކްޝަންތަކާއި ޚިލާފުވުމުން ވަޒީފާއިން ކަނޑާލުމާއި، ކޯވިޑް-19 ފެތުރުމާއި އެމީހުންނާއި ގުޅުންހުރިކަމަށް ބުނެ ދެކެވުނު ވާހަކަތައް ހިމެއެނެއެވެ.

ދެން ފެތުރިގެންދިޔަ އަނެއް އަޑަކީ 1981 ވަނަ އަހަރު ލިޔެފައިވާ ޚިޔާލީ ވާހަކަ އަކާއި ގުޅުވައިގެން ދެކެވެން ފެށި ވާހަކަތައެކެވެ. އެމެރިކާއަށް ނިސްބަތްވާ ލިޔުންތެރިއެއްކަމަށްވާ ޑީން ރޭ ކޫންޑްޒް "ދަ އައީޒް އޮފް ޑާކްނެސް" ގެ ނަމުގައި ލިޔެފައިވާ ތްރިލަރ ނޮވެލްއިން އެންމެ ހައިރާންކުރަނިވިކަމެއްގޮތުގައި ފާހަގަވީ މި ވާހަކައިގައި ބަޔޮލޮޖިކަލް ހަތިޔާރެއް ސަބަބުން ވައިރަލް އައުޓްބްރޭކެއް ފެތުރިގެންދިޔަކަމަށް ސިފަކޮށްފައިވާ ސިފަކުރުން ކޯވިޑް-19 ގެ ޕެންޑަމިކާއި ދާދި އެއްގޮތްވުމެވެ. މި ފޮތުގައި ލިޔުންތެރިޔާ އެ ބައްޔަށް އެންމެ ފުރަތަމަ ދިން ނަމަކީ ގޯރްކީ-400 އެވެ. ގޯރްކީއަކީ ރަޝިއާގެ ސިޓީއެކެވެ. އެވާހަކައިގައި ބުނާ ވައިރަސް އުފައްދާފައި ވަނީ ގޯރްކީގައެވެ.

އެހެންނަމަވެސް އެމެރިކާވެސް ހިމެނޭހެން ސޯވިއެޓް ޔޫނިއަންގެ ޤައުމުތަކުގެ މެދުގައި ހިނގާދިޔަ ފިނި ހަނގުރާމަ ނިމުމާއެކު، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާފައިވާ ސިޓީގެ ނަން ޗައިނާގެ ވޫހާންއަށް ބަދަލުކޮށް ވޫހާން-400ގެ ގޮތުގައި 2008 ވަނަ އަހަރު ޝާއިއުކުރި މި ފޮތުގެ އެޑިޝަންގައި ވަނީ ޖަހާފައެވެ. މި ބަލީގެ އެޕިކްސެންޓަރއެއްގެ ގޮތުގައި ޗައިނާގެ ސިޓީއެއް ސިފަކޮށްފައިވާއިރު، އޭގެ 10 އަހަރުފަހުން ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރިގަނެފައި މިވަނީ ވުހާން ސިޓީންނެވެ. މިއީ ކިހާ ބޮޑު އިއްތިފާގެއްހެއްޔެވެ؟

ދެން ދެކެވުނީ އަދި މާ ޝަޢުގުވެރި ވާހަކައެކެވެ. އެއީ އެމެރިކާގެ އަންހެން ލަވަކިޔުންތެރިއެއްކަމަށްވާ ކެރީ ހިލްސަން ކޯވިޑް-19 އާއި ޗައިނާއިން ތަޢާރަފުކުރި 5ޖީ ނެޓްވޯކާއި ގުޅުވައިގެން ދެއްކި ވާހަކައެވެ.

މިއީ 5ޖީ ނެޓްވޯކުގެ ތެރެއިން ރޭޑިއޭޝަންގެ ސަބަބުން ފެތުރޭ ބައްޔެއްކަމަށް ދޭހަވާގޮތަށް އޭނާ ކުރި ޓުވީޓް ވަނީ ވަރަށް ބޮޑަށް ވައިރަލްވެގެންގޮސްފައެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އޭނާއަށް އަމާޒުވިއެވެ. ޗައިނާއިން 5ޖީ ޓެކްނޮލޮޖީ ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ކޯވިޑް-19 އައުޓް ބްރޭކެއްގެ ގޮތުގައި ފެތުރިގެންދިޔައީ ހަމަ އެއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

ސައިންސްވެރިންގެ ހޯދުންތަކާއި ކަމުގެ ހަޤީޤަތަކީ ކޮބާ؟

މިދެންނެވި ކަންކަމަށް ބާރުދީ ކޯވިޑް-19 އަކީ ޗައިނާއިން އުފައްދައިގެން އުޅޭ ބަޔޮޖިކަލް ހަތިޔާރެއް ކަމަށް ބުނެ ފަތުރަމުންދާ ހުރިހާ ކޮންސްޕިރަސީތައް ސައިންސްވެރިން ވަނީ ދޮގުކޮށްފައެވެ. އެގޮތުން މިކަމާގުޅޭގޮތުން އުފައްދަމުންދާ ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ ކޯވިޑް-19 ޖައްސާ ވައިރަސްގެ މޮލެކިއުލަރ ބަޔަލޮޖީ އަދި ޖެނެޓިކްސް ނުވަތަ ވިރާސީ މައުދަން ދެނެގަތުމަށްޓަކާ ސައިންޓިފިކް ތަޙުލީލުތައްކޮށް، ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަސްތަކާއި އަޅާކިޔާފައެވެ.

ސާސް ކޯވިޑް-2 ނުވަތަ ކޯވިޑް-19 އަކީ މިއީ ކޮރޯނާވައިރަސްގެ ތެރޭގައި ހިމެނޭ އިންސާނުންނަށް ބަލިޖައްސާ 7 ވަނަ ވައިރަސްއެވެ. ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ 7 ވައިރަސްއެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ އެޗް.ކޭ.ޔޫ-1، އެން.އެލް-63، އޯ.ސީ-43، 229-އީ، ސާސް ކޯވިޑް، މާސް ކޯވިޑް، އަދި ސާސް ކޯވިޑް-2 ކެވެ. މީގެތެރެއިން ފުރަތަމަ 4 ވައިރަސްއަކީވެސް އިންސާނުންނަށް މާބޮޑު އަސަރުތަކެއް ކުރާ ވައިރަސްތަކެއްނޫނެވެ. ނަމަވެސް ސާސް ކޯވިޑާއި މާސް ކޯވިޑް ވައިރަސް ވަނީ ފާއިތުވި 18 އަހަރުގެ ތެރޭގައި ބޮޑެތި އެޕިޑެމިކްތަކެއް އުފައްދާފައެވެ. އަދި މިހާރު މުޅި ދުނިޔެ މި ހަނގުރާމަ ކުރަމުންދަނީ ސާސް ކޯވިޑް-2 ނުވަތަ ކޯވިޑް-19 އާއެވެ.

މިކަމާގުޅިގެން ރިސަރޗަރުން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި ސާސް ކޯވިޑް-2 އަކީ ލެބޯޓްރީއަކުން ބަޔަކު އުފައްދާފައިވާ ވައިރަސްއެއް ނުވަތަ އަސްލު އޮޅުވާލައިގެން ގަސްތުގައި އުފައްދާފައިވާ ވައިރަސްއެއް ނޫންކަން ވަނީ ހާމަވެފައެވެ.

ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން ހަދާފައިވާ އެނަލިސިސްތަކުގައި ކޯވިޑް-19 އާއި އިންސާނުންގެ ހަށިގަނޑުގައި އުފައްދާ ޕްރޮޓީންއެއްކަމަށްވާ "އެންޖިއޮޓެންސިން ކޮންވަރޓިންގ އެންޒައިމް" 2 ނުވަތަ އޭސް-2 އާއި ހުރި ގުޅުންތައް ވަނީ ތަޙުލީލުކޮށްފައެވެ. މި އެންޒައިމްއަކީ އާއްމުގޮތެއްގައި އިންސާނާގެ ހިތާއި، ކިޑްނީ އަދި ފުއްޕާމޭފަދަ ގުނަވަންތަކުގައި އުފައްދާ އެއްޗެކެވެ. ކޮރޯނާ އާއިލާއަށް ނިސްބަތްވާ ވައިރަސްތަކަކީ މި ދެންނެވި އެންޒައިމަށް އޭގެ ޒާތުގައިވެސް އެޓްރެކްޓް ނުވަތަ ގަޔާވާ ވައިރަސްތަކެކެވެ. އެހެންކަމުން މިއީ ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ ބައެއް ވައިރަސްތަކަށް އިންސާނުންނާއި ޖަނަރަވާރުންގެ ސެލްތަކަށް ވަނުމަށް އެންޓްރީ ޕޮއިންޓެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެންޒައިމެކެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ސައިންސްވެރިން ހޯދާފައިވާ ހޯދުންތަކުގެ ކޮމްޕިއުޓަރައިޒްޑް ދިރާސާތައް ނުވަތަ ތަހުލީލުތަކުން ދައްކާގޮތުން، މި ވައިރަސް އުފެއްދުމަށް ޖެނެޓިކް މެނިޕިއުލޭޝަނެއް ނުވަތަ ކޯރާނާގެ ވިރާސީ މައުދަނެއް ބޭނުންކޮށްފައިވާނަމަ، ކުރިން ފެނިފައިވާ ބީޓާ ވައިރަސްތަކުގެ އަސްލު ނުވަތަ، "ޖެނެޓިކް ފިންގަރ ޕްރިންޓް" މިހާރު ހަލުވި ކަމާއެކު ފެތުރެމުން މިދާ ކޯވިޑް19 ގައި ހިމެނެންވާނެއެވެ. އެއީ ސައިންސްވެރިން ޤަބޫލުކުރާގޮތުގައި އެ ނޫންގޮތަކުން، ގަސްތުގައި މެނިޕިއުލޭޓް ކޮށްގެން އުފައްދާ މިފަދަ ވައިރަސްއެއް ޖަނަވާރުންގެ ގައިން އިންސާނުންނަށް، އަދި އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ދައުރުވާނޭގޮތް ހެދުމަކީ ނާދިރު ކަމަކަށްވީމައެވެ.

ޖެނެޓިކް ޑާޓާތަކުންވެސް އެފަދަ އެއްވެސްކަމެއް ފާހަގަވެފައިނުވާތީ، ކޯވިޑް-19 އަކީ ކޮރާނާ ވައިރަސްގެ ކުރީގެ ވައްތަރެއް ބޭނުންކޮށްގެން ބަޔަކު އީޖާދުކޮށްފައިވާ ވައިރަސްއެއްކަމަށް ބުނެވެން ނެތްކަމަށް މި ހޯދުންތަކުގެ އަލީގައި ސައިންސްވެރިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގިނަ ވައިރަސްތަކަކީ އޭގެ ޒާތުގައި ވަށައިގެންވާ ވެށްޓަށް ހޭނި، އިވޯލްވަމުން ނުވަތަ ވަރުގަދަވަމުން އަންނަ އެއްޗެއްކަމުން، ކޯވިޑް-19އަކީވެސް އޭގެ ޒާތުގައި އިވޯލްވެގެން އައިސްފައިވާ ވައިރަސްއެއްކަމަށް ބެލެވޭކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެއާ ދެކޮޅަށް ހަނގުރާމަކުރާނެ ވެކްސިނެއް އުފެއްދުމުގައިވެސް ގޮންޖެހުންތަކަކާ ކުރިމަތިވެފައިވަނީ އެ ސަބަބާހުރެކަމަށް ބައެއް ސައިންޓިސްޓުން ޤަބޫލުކުރެއެވެ.

ކޮންމެއަކަސް ސާސް ކޯވިޑް-2 ނުވަތަ ކޯވިޑް-19 އަކީ ޗައިނާއިން އުފައްދައިގެން އުޅޭ ބަޔޯ-ވެޕަންއެއް ކަމަށްބުނެ ސައިޓިފިކް ގޮތުންވެސް އެކަންކަމުގެ އަސްލު ހޯދިފައިނުވާ ކަންކަން ހަޤީޤަތަކަށް ބަލައިގެން ފަތުރަމުންދާ ވާހަކަތަކާއެކު، ޗައިނާއާމެދު ޤައުމުތަކުން ދެކޭދެކުން ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ. އަދި މި ޗައިނާއިން ކޮށްގެން އުޅޭކަމެއްކަމަށް ސިފަވާގޮތަށް ދުނިޔޭގެ ބައެއް ލީޑަރުންވެސް ވަނީ ވާހަކަދައްކާފައެވެ.

އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޤައުމުކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް ހިމެނިވަޑައިގަންނަވައެވެ. ޓްރަމްޕް ވަނީ މިކަން ޕެންޑަމިކްއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގައި ޗައިނާގެ އިޙުމާލު ވަރަށް ބޮޑުކަން ފާހަގަކޮށް މިއީ "ޗައިނާ ވައިރަސް"އެއްގެ ގޮތުގައި ލޭބަލްވެސް ކޮށްފައެވެ.

މިދަނޑިވަޅަކީ މިފަދަ އަސްލެއްނެތް އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ، އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތުނޫންކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި މިއީ އެއްބަޔަކު އަނެއްބަޔަކަ އެހީތެރިވުމާއި، އެއްބާރުލުންދީގެން ޤައުމުތައް ގުޅިގެން މިކަމުން އަރައިގަތުމަށް މަސައްކަތްކުރަންވީ ވަގުތުކަންވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.