ޝަރީޢާ ހަމަތަކާއެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ލޯނުތަކާއި އެކައުންޓުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިން މި ބަދަލުތައް ގެނެސްފައިވަނީ އެ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުންނެވެ. އެގޮތުން، މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތަށް ބަދަލުކުރެވޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ އެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް އެދި ހުށަހަޅާ ޕަރސަނަލް ލޯނުތައް ދޫކުރާނީވެސް އިސްލާމިކް ބޭންކިންގ އުސޫލުތަކާއެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ބީއެމްއެލްއިން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންގ ބްރާންޗްތަކަށް ބަދަލުކޮށްފައެވެ. އެ ބްރާންޗްތަކުން މިހާރު ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.
ބީއެމްއެލްއިން އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.
މި ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ޚިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންވެ މި ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުން ކަމަށް ވިދާޅުވިއެވެ.
ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ޚިދުމަތްތައް ހިމެނެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ.