ވިޔަފާރި

ކޯވިޑް-19 : ވަޒީފާއާއި ބެހޭ 219 މައްސަލައެއް ހުށަހަޅައިފި


ކޯވިޑް-19ގެ ހާލަތާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަން ހިއްސާކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 219 މައްސަލައެއް ހުށަހަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނާއި އިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ހިއްސާކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި ގިނަ މައްސަލަތަކެއް ޖޮބް ސެންޓަރަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަތަކުގެ ތެރޭގައި ވަޒީފާއިން ކަނޑާލުމާއި، ނޯޕޭ ލީވް ނެގުމަށް އެންގުމާއި، މުސާރަ ބަދަލުވުމާއި، އެލަވަންސްތައް ކަނޑާލުމާއި، މުސާރައިގެ އެއްބައި ދިނުމާއި، ވަކި މުއްދަތަކަށް ސަސްޕެންޑު ކުރުންފަދަ މައްސަލަތައް ހިމެނެއެވެ.

" ޖޮބް ސެންޓަރ އެމްވީގައި ދަތިތައް ދިމާވާ ހުރިހާ މުވައްޒަފުންނަށް ވެސް ރެޖިސްޓަރ ވެވޭނެ. މި އަދު ހެނދުނު 10 ޖެހުމާއި ހަމައަށް ވެސް 219 ކޭސް ރިޕޯޓްކޯށްފައިވޭ. އަޅުގަނޑު ޤަބޫލުކުރާގޮތުން ހުންނާނެ މިފަދަ ކޭސްތައް އަދިވެސް. އަޅުގަނޑުމެންގެ އެދުމަކީ މި މައްސަލަތައް ވީހާވެސް އަވަހަށް ރިޕޯޓްކޮށްދެއްވުން." މަބްރޫކް ވިދާޅުވިއެވެ.

ޖޮބް ސެންޓަރގައި ރިޕޯޓްކޮށް އިކޮނޮމިކް މިނިސްޓްރީއާ މަޢުލޫމާތު ޙިއްސާކުރެވޭ މަޢުލޫމާތާއެކު ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.