ޚަބަރު

ކޯވިޑް-19 : ކޮޗިން އިން އައިމީހާއާއި ކޮންޓެކްޓްވި ޑޮކްޓަރާއި ނަރުހުން ހޯމް އަޮސޮލޭޝަންގައި


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކާއި ކޮންޓެކްޓުވި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕޮޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހުން ހޯމް އައިސޮލޭޓް ކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިޔާގެ ކޮޗިން އިންއައި މީހެއްގެ ގައިގައި ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ ޑޮކްޓަރަށް ދެއްކުމަށްޓަކައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އީއާރަށް ގޮސްފައިވާ ކަމަށެވެ. އަދި އެވަގުތު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ތިބީ ރައްކާތެރިވުމުގެގޮތުން ލާންޖެހޭ ހެދުމުގައި ނޫންކަމުން އެ ތިން މީހުން އައިސޮލޭޓްކޮށްފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ބަލި މީހާއާއި، އޭނާއާއި ކޮންޓެކްޓްވި މީހުންގެ ހާލަތު ގާތުންބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު ރާއްޖޭގެ އެއްވެސް ސަރަހައްދަކު ފެނިއްޖެނަމަ އެމީހަކު އެކަހެރިކުރެވި ކޯވިޑަށް ޓެސްޓްކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި މިގޮތަށް އެކަހެރި ކުރެވޭ މީހުން ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި، ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މާލޭގައިވެސް ބައެއް މީހުންވަނީ ހޯމް އައިސޮލޭޝަންއާއި، ހޯމް ކަރަންޓީންގައި ބައިތިއްބާފައެވެ. މަލޭގެ ގޭތަކުގައި ކަރަންޓީންގައި ބައިތިއްބާފައިވަނީ 44 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 43 ދިވެއްސަކާއި، 1 ބިދޭސީއެކެވެ. ހޯމް އައިސޮލެޝަންގައި މާލޭގައި 13 ދިވެހިންނާއި، 4 ބިދޭސީން ބައިތިއްބާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.