ކޯވިޑް-19

ކޯވިޑް-19 : އައްޑޫސިޓީގެ މަގުތައްވެސް ޑިސްއިންފެކްޓްކުރަން ފަށައިފި


ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ކުރާ މަސައްކަތްތަކުގެ ދަށުން އައްޑޫސިޓީގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫސިޓީގެ އަވަށްތަކުގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމް.އެން.ޑީ.އެފްއާއި، އައްޑޫސިޓީ ކައުންސިލް ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފެން ބައުޒަރުތައް ބޭނުންކޮށްގެން އައްޑޫސިޓީގެ މަގުތަކަށް ކްލޮރިން ފެން ޖަހައިގެން ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަގުތައް ސާފުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ އައްޑޫސިޓީގައި ފަށާފައިވަނީ ހިތަދޫ ބޮޑުމަގުންނެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން އެކި ދުވަސްމަތިން ބަހާލައިގެން، އެ ސިޓީގެ އަވަށްތަކުގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އެހެންކަމުން ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އަންގާފަައެވެ.

އެމް.އެން.ޑީ.އެފްއާއި ގުޅިގެން އައްޑޫސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.