ކޯވިޑް-19

ކޯވިޑް-19 : މަޝްރޫޢުތައް މަޑުޖައްސާލުމުގެ ވިސްނުމެއްނެތް، ބްރިޖާއި ޕޯޓު މަޝްރޫޢު ކުރިއަށްދާނެ - ރައީސް


ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމާއެކީގައިވެސް، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާއްވަވާފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެންމެފަހުގެ ހާލަތާއި، ސަރުކާރުން އިތުރަށް އެޅުމަށް ނިންމަވާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތާއި، ޕޯޓުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެކަމަށެވެ.

ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޯވިޑް-19 އާއެކު އިޤްތިޞާދީގޮތުން ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުގެ އަސަރު ދިވެހިރާއްޖެއަށްވެސް ކުރަމުންދާކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޚިދުމަތްތަކާއި، ޤައުމުގެ ތަރައްޤީއަށް ކުރަން ރާވާފައިވާ މަޝްރޫޢުތައް މި ދަނޑިވަޅުގައި މަޑުޖައްސާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަށް ގާތްގަނޑަކަށް ޕީ.އެސް.އައި.ޕީ ބަޖެޓުން 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ލައިން އޮފް ކްރެޑިޓް، އެލް.އޯ.ސީގެ ތެރެއިން ލޯން ހަމަޖެހިފައިވާ މަޝްރޫޢުތަކެއްކަމަށެވެ. އަދި ޕީ.އެސް.އައި.ޕީގެ އާއްމު ބަޖެޓުން ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މަޝްރޫޢުތައް މަޑުޖެއްސުމުގެ ވިސްނުމެއްނެތް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕީ.އެސް.އައި.ޕީ ބަޖެޓު އެއީ 10 ބިލިއަން ރުފިޔާގެ ބަޖެޓެއް. އޭގެ ތެރެއިން ބޮޑުބައި ވަނީ ލޯނުއެހީގެ ގޮތުގައި ހަމަޖެހިފައި. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ލިބޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެއް. ބްރިޖާއި ޕޯޓުވެސް ހިމެނޭ. ދެން ޕީ.އެސް.އައި.ޕީގެ އާއްމު ބަޖެޓުން ކުރަން އަޅުގަނޑުމެން ނިންމާފައިވާނެ ގާތްގަނޑަކަށް 30 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މާލެއާއި ވިލިމާލެއާއި، ގުޅިފަޅާއި، ތިލަފުށި، ގުޅުވާލުމަށް ސަރުކާރުން ހިންގާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫޢާއި، މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ހިިންގާ މަޝްރޫޢުވެސް ހުއްޓާލުމުގެ ވިސްނުމެއްނެތްކަމަށެވެ. އަދި މި ދެ މަޝްރޫޢަކީވެސް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މުހިއްމު ދެ މަޝްރޫޢުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އަޅުގަނޑުމެން ހިންގާފައިވާ މަޝްރޫޢެއް. ބްރިޖާއި ޕޯޓު ބަދަލުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާގޮތަށް އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ހިތުން އޭގެން އިޤްތިޞާދު ރަނގަޅުވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ސަރވޭގެ މަސައްކަތްކުރާ ބޯޓު ވަނީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އައިސްފައެވެ. މިބޯޓާއެކު ބްރިޖުގެ ސަރވޭގެ މަސައްކަތްކުރުމަށް ބޭނުންވާ ޕްލެޓުފޯމާއި އެ މަސައްކަތަށް ބޭނުންވާ ބޮޑެތި އުޅަނދުތައްވަނީ ގެނެސްފައެވެ. ބްރިޖު ހެދުމަށްޓަކައި އެއްގަމާއި ކަނޑުގެ ޖިއޯފިޒިކަލް ސަރވޭ ކުރުމަށް ކަނޑު އަޑިއާއި އެއްގަމުން ބޯހޯލް ތޮރުފައިގެން ސަރވޭކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ބްރިޖުގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.