މިނިވަން ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކޮށްފިއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޑޮކިއުމަންޓްރީ ލޯންޗުކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.
ޤައުމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ މުނާސަބާތަކާއި ދުވަސްތަކާ ދިމާކޮށް ޚާއްސަ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް ޕީއެސްއެމް ނިއުސްއިން މީގެކުރިންވެސް ވާނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އެހެންނަމަވެސް މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަކީ މިގޮތުން ގެނެސްދެވޭ އެންމެ ތަފާތު އެއް ޑޮކިއުމެންޓްރީއެވެ.
އެގޮތުން 1887 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި އަލިއަޅުވާލާނެއެވެ. އަދި އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 70 އެތައް އަހަރެއް އޮތުމަށްފަހު، ފުރިހަމަ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމުގެ ރޫހު ދިވެހިންގެ ތެރޭގައި އުފެދިގެން އައިގޮތާއި، މި މިނިވަންކަން ހޯދައިދިނުމުގައި އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަދާކުރެއްވި މުހިންމު ދައުރުގެ މަޢުލޫމާތުތައް ވަރަށް ތަފްޞީލީގޮތެއްގައި މި ޑޮކިއުމެންޓްރީގައި ގެނެސްދޭނެއެވެ.
މި ޑޮކިއުމެންޓްރީގެ އެންމެ ޚާއްސަ އެއްކަމަކީ، އިނގިރޭސީންގެ ޙިމާޔަތުން ނެއްޓި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅުނު އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ތަންކަމަށްވާ އަވަށްޓެރި ލަންކާގެ ކޮލަމްބޯގައި ހިނގާދިޔަ ބައެއް މުހިންމު ކަންކަންވެސް ގެނެސްދެވޭކަމެވެ.
މިނިވަންކަން ލިބުމަށްފަހު ރާއްޖޭން ރަސްމީކޮށް ޚާރިޖީގޮތުން އެންމެ ފުރަތަމަ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނޭއިރު، މިއަރަހަކީ ރާއްޖޭގެ މިނިވަންކަމުގެ އިތުރުން، ރާއްޖެއާއި ލަންކާގެ ޚާރިޖީގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން މި ޑޮކިއުމެންޓްރީގައި ލަންކާއާއި ދިވެހިންގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށްވެސް ބަލާލާނެއެވެ.
މި ޑޮކިއުމެންޓްރީގައި ގެނެސްދެވިގެންދާނީ ޕީއެސްއެމްގެ ކްރޫ ސީދާ ލަންކާއަށް ގޮސްގެން ނަގާފައިވާ މަންޒަރުތަކާއި، އެއްކޮށްފައިވާ މަޢުލޫމާތުތަކާއި، ތާރީޚު ދިރާސާކުރައްވާ ތަޖުރިބާކާރު ބޭބޭފުޅުންގެ ޚާއްސަ ބަސްދީގަތުންތަކާވެސް އެކުގައެވެ.
މިއަހަރުގެ މިނިވަން ދުވަހަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ މި ޚާއްސަ ޑޮކިއުމެންޓްރީ ބެލުންތެރިންނާ ހަމައަށް މިގެނެސްދެވެނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއި، ޚާރިޖީ ވުޒާރާ އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްޓީމުން ތައްޔާރުކޮށް ގެނެސްދޭ މި ޑޮކިއުމެންޓްރީގެ އެންމެ ބޮޑު ބޭނުމަކީ ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިން ކުރި ދަތުރު ހަނދާނާއި ތާރީޚަށްޓަކާ ރައްކާކޮށް، މިހާރުގެ ޖީލަށް މިކަންކަމުގެ މަޢުލޫމާތު ޢިލްމީ އަދި ތާރީޚީ ނަޒަރަކުން ވީހާވެސް ފުރިހަމަކޮށް ގެނެސްދިނުމެވެ.