ކޯވިޑް-19ގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި އިތުރަށް ނިންމަވާފައިވާ ނިންމެވުންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް މުޅި ޤައުމު ގުޅިގެން ކުރާ މަސައްކަތަށް، އެމަނިކުފާނުގެ ވާހަކަފުޅުންވަނީ ހިތްވަރު ލިބިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް އިޤްތިޞާދީގޮތުން އަންނާނެ ބަދަލުތަކާއި، އެބަދަލުތައް ފޫބެއްދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ވަނީ ހާމަކޮށްދެއްވާފައެވެ. މި ޚައްސާސް ދަނޑިވަޅުގައި ރައްޔިތުންނަށް ކުރިމަތިވާނެ މާލީ ދަތިތަކުން އަރައިގަތުމަށް އެކި ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކުރިއަށް އޮތް ދެމަސްދުވަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ދައްކާގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ. އިންޓަރނެޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޢާއްމުރައްޔިތުން ނަގާފައިވާ ހުރިހާ ލޯނެއް ދެއްކުން 6 ދުވަހަށް ލަސްކުރަން ވަނީ ހަމަޖައްސަވާފައެވެ. ކާޑުގެ ބާވަތްތަކާއި ޕެޓްރޯލާއި، ޑީސެލް އެއްވެސް ދައްޗެއްނެތި ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާއެކުވެސް ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ކޮޅައްޖަހައި ރައްޔިތުންނަށް ދައްޗަކާ ނުލައި ކަންކަން ހަމަޖެއްސޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އިޤްތިޞާދީ އެންމެބޮޑު ލޮޅުމެއް އައިސްފައިވާ ޓުވަރިޒަމްގެ ދާއިރާއަށްވެސް މިކަމުން އަރައިގަނެވި ހަޔޮބަދަލުތަކެއް ގެނެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަމުންދަނީ ކޯވިޑްގެ ނަތީޖާތައް ދައްކާގޮތަކުން އަންނަ މަހުންފެށިގެން އޭޝިއާގެ ގިނަ ޤައުމުތަކަށް ދަތުރުތައް ހުޅުވާލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށްވަނީ މުހިންމު މެސެޖްތަކެއް ދެއްވާފައެވެ. މިދަނޑިވަޅުގައި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަމުންދަނީ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޚައްސާސް ދަނޑިވަޅުގައި ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ ޞިއްޙީ ބޭފުޅުންގެ އިރުޝާދާއި ލަފާގެ މަތީންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުންނެވީ ރައްޔިތުންނާއި އެއްހަމައެއްގައިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ހާލު އިރާދަކުރެއްވީ ރަނގަޅު. މިވަގުތުގައި އަޅުގަނޑު ހުންނާނީ ރައްޔިތުންނާއިއެކުގަ. ރައްޔިތުންނަށް ވާގޮތެއްވާން. އަޅުގަނޑުމެން ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އަޅާނެ ފިޔަވަޅު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް އެޗްޕީއޭއާއި، ޞިއްޚީ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކައް ސަމާލުވެ އެކަންކަމަށް އިޖާބަދެއްވުމަށް އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިވަގުތު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަކީ ކޯވިޑް ނެފެތުރި ކޮންޓްރޯވުމުގެ އެންމެބޮޑު ސަބަބުކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން ވީހާވެސް ބޮޑަށް ގޭގައި މަޑުކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.