ޚަބަރު

ކޯވިޑް-19: އަޅުގަނޑުގެ ސަލާމަތަށް އަޅާނީ ރައްޔިތުންގެ ސަލާމަތަށްވެސް އަޅާފިޔަވަޅު: ރައީސް


ރާއްޖެއަށް ދިމާވެފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުންނެވީ ރައްޔިތުންނާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ޞިއްޚީ ރައްކާތެރި ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ ރައްކަލަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަނޑިވަޅުގައި އެންމެ މުހިންމު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުންކަމަށް ކަމަށެވެ.

"އަޅުގަނޑުގެ ހާލު އިރާދަކުރެއްވީ ރަނގަޅު. މިވަގުތުގައި އަޅުގަނޑު ހުންނާނީ ރައްޔިތުންނާއިއެކުގަ. ރައްޔިތުންނަށް ވާގޮތެއްވާން. އަޅުގަނޑުމެން ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އަޅާނެ ފިޔަވަޅު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، މިދަނޑިވަޅަކީ ރައްޔިތުންނަށް އާންމު ދިރިއުޅުމުގައިވެސް ދަތިއުދަގޭތަކެއް ހުރި ދުވަސްވަރެއްކަމަށެވެ. މި ޚައްޞާސް ދަނޑިވަޅުގައި ރައްޔިތުން އުފުލަމުންދާ ބުރަޔާއި ކެތްތެރިކަމަށްޓަކައި އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި މިކަމުގައި ސަރުކާރަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ފަރާތުންބޭނުން ވަނީ ޞިއްޚީ ދާއިރާގެ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް ކެތްތެރިކަމާއިއެކު ގޭގައި ތިއްބެވުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަަސައްކަތް ކުރަމުން ދަނީ މިބަލިން ސަލާމަތްވެ ރައްޔިތުންނަށް ޞިއްޚީ ދުޅަހެޔޮ ދުވަސްތަކެއް ހޯއްދެވުމަށްކަމުގައިވެސް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ޞިއްޙީ ޚިދުމަތްތެރިން ކުރައްވަމުން ވަނީ ބުރަ އަދި ޒިންމާބޮޑު މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތަށް މިދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ މިކަމުން އަރައި ނުގަނެވޭނަކަމުގައި ރައީސް ވިދާޅުވިއެވެ.