ކޯވިޑް-19

ކޯވިޑް-19 : ވެށިފަހި ލިޔުން ހުށައަޅަން ދިން މުއްދަތު އިތުރުކޮށްފި


"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުން އެކަން ސަރުކާރަށް އެންގުމަށް ދިން މުއްދަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިތުރުކުރައްވައިފިއެވެ.

"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުން އެކަން ލިޔުމުން އެންގުމަށް ދިން މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް އެއް ހަފްތާގެ މުއްދަތަކަށް ބަންދުކޮށްފައިވާތީ، މަޢުލޫމާތު ހިއްސާކުރުމަށް ދީފައިވާ އެންމެފަހު ތާރީޚު މި މުއްދަތުގެ ތެރެއަށް ވަންނާތީކަމަށް ހައުންސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔުންތައް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން 3 ދުވަހުގެ މުއްދަތަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިމަހުގެ 19 އިން 26 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށްފައެވެ. ހާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލާ މި މުއްދަތު އިތުރުކުރާމެދު ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއްނުވެއެވެ.