ކޯވިޑް-19

ކޯވިޑް-19 : ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ 6 ދަރިވަރަކު މިރޭ ރާއްޖެއަންނަނީ


ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ 6 ދަރިވަރަކު މިރޭ ރާއްޖެއައުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ދިވެހި 6 ދަރިވަރަކު އެ މިނިސްޓްރީގެ އެހީތެރިކަމާއެކު ރޭ ފުރުވާލެވިފައިވާކަމަށެވެ. އަދި އެ 6 ދަރިވަރުން ދޯހާ މަގުން މިރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވާ ފަރާތްތައް ފިޔަވާ އެހެން ހުރިހާ ފަރާތެއް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރާނެއެވެ. އެހެންކަމުން ޕާކިސްތަނުން އަންނަ މި 6 ދަރިވަރުންވެސް ރާއްޖެއައުމަށްފަހު ދާނީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއަކަށެވެ.

ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެގެންދާ ހިނދެއްގައިވެސް މަސައްކަތްކުރާނެ ޞިއްޙީ އެހީތެރިން ހޯދުމުގެ މަސައްކަތް ދުރާލާ ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމަށް އާދެވޭނެ ޑޮކްޓަރުންނާއި ދަރިވަރުން ފޮރިން މިނިސްޓްރީއާއި އެ މަޢުލޫމާތު ހިއްސާކުރުމަށް އެ މިނިސްޓްރީންވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ ފަރާތްތަކުން އަނބުރާ ޤައުމަށް އައުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭނެކަމަށްވެސް ފޮރިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.