ލުބްނާންގެ ދެކުނުގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ޢަލީ އަލް-ޠާހިރުގެ އުސްބިމުގައި ޙަރަކާތްތެރިވާ އީރާނާއި ޙިޒްބުﷲ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ޔަހޫދީ ދައުލަތުން ހަމަލާ ދީފިނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން އެމެރިކާއަށް އިންޒާރު ދީފިއެވެ.
މިކަމުގެ މަޢުލޫމާތު އެނގޭ ތިން އޮފިޝަލަކު ރޮއިޓަރސް ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މެސެޖު އީރާނުން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައި މަހު ޢުމާން މެދުވެރިކޮށެވެ. މިއީ ލުބްނާންގެ ދެކުނުގެ މަސްރަޙުގައި އީރާނުގެ ބައިވެރިވުން އޮތް މިންވަރު ސާފުވެގެންދާ ކަމެކެވެ. އީރާނުގެ މެސެޖުގައި ބަޔާންކޮށްފައިވަނީ ޔަހޫދީން އެ ސަރަޙައްދަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އީރާނުންވެސް އެއާ އެއްވަރުގެ ވަރުގަދަ ހަމަލާއަކުން ރައްދު ދޭނެ ކަމަށެވެ.
ލުބްނާންގެ ސަލާމަތީ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ޢަލީ އަލް-ޠާހިރުގެ އުސްބިމުގައި ޙިޒްބުﷲ އިން ވަނީ ބިމުގެ އަޑީގައި އަސްކަރީ މަރުކަޒަކާއި ހަތިޔާރު ގުދަންތަކެއް ޤާއިމުކޮށްފައެވެ.
ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން އެ ސަރަޙައްދުގެ ދެކުނުގެ ބޮޑު ބައެއް ހިފާފައިވާ ކަމަށް ބުނި ނަމަވެސް، ޙިޒްބުﷲ އިން ބުނަނީ އެ އުސްބިން އަދިވެސް އޮތީ އެމީހުންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށާއި، އެތަން ހިފުމަށް ޔަހޫދީން ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވާނެ ކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި އެމެރިކާއިން ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވާކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ އޮފިޝަލަކު ވަނީ ދޮގުކުރައްވާފައެވެ.
އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ) ގެ 12 އަށްވުރެ ގިނަ މެންބަރުން ދަނީ ޙިޒްބުﷲގެ މުޖާހިދުންނާ ގުޅިގެން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ. އޮގަސްޓް މަހުގެ މެދުތެރޭގައި އީރާނުން ދިން އިންޒާރާ ގުޅިގެން، އެމެރިކާގެ އެދުމުގެ މަތިން ޔަހޫދީން އެ ސަރަޙައްދަށް ދޭން އުޅުނު ހަމަލާ ފަސްކުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ލުބްނާންގެ ދެކުނުގައި ޔަހޫދީ ދައުލަތުން ހިންގާ ކޮންމެ ޢުދުވާނަކީ ސުލްޙައިގެ އެއްބަސްވުންތަކާ ޚިލާފު ކަމެއް ކަމަށްވެސް އެ ޙިޒްބުﷲއިން ދަނީ ބުނަމުންނެވެ.
މިއަހަރުގެ ޖޫން މަހު ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވި ނަމަވެސް، ޔަހޫދީ ދައުލަތުގެ ނިރުބަވެރި ފައުޖުން އަދިވެސް ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ޔަހޫދީ ސިފައިން މިހާރު ދަނީ ޢަލީ އަލް-ޠާހިރުގައި ތިބި ފަރާތްތަކަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑްރޯންތައް ވައްޓާލައި، އެ ސަރަޙައްދު ޙިޞާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ލުބްނާންގެ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ފަރުބަދައިގެ އުތުރު ފަރާތުން ޙިޒްބުﷲ އަދިވެސް ދަތުރުފަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އިސްރާއީލުން އެ ސަރަހައްދަކީ ސަލާމަތީ ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ އުސްބިން އެއްކޮށް ހިފުމަށް ބޮޑު އޮޕަރޭޝަނެއް ފެށުމުގެ ފުރުޞަތު ބޮޑެވެ.
ޙިޒްބުﷲ އިން ވަނީ ޢަލީ އަލް-ޠާހިރަށް ޔަހޫދީން ހަމަލާ ދީފިނަމަ، އެއީ ހަނގުރާމަ އިޢުލާނުކުރުން ކަމުގައި ބަލައި، ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.