ކޯވިޑް-19

ކޯވިޑް-19: ދަތުރު ބޭނުންވިޔަސް، ޞިއްޚީ މިންޑަނޑުތަކާއި އިރުޝާދުތަކަށް ސަމާލުވުން މުހިއްމު


ކޯވިޑް-19 އާއެކު މުޅި ދުނިޔެ ޞިއްޙީ ބޮޑު ބަލިމަޑުކަމަކަށް ވެއްޓިފައިވާއިރު، އެކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިޤްތިޞާދަށާއި، އެކި ސިނާޢަތްތަކަށް މިވަނީ ކުރަންފަށާފައެވެ. އެގޮތުން ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް އަންނާނެކަމަށް ބެލެވޭ އެއް ސިނާޢަތަކީ ދުނިޔޭގެ ދަތުރުފަތުރުގެ ސިނާޢަތެވެ. މިބަލިމަޑުކަމުން އަރައިގަތުމަށް އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު، އެއްގަމު ދަތުރު ފަތުރާއި، ކަނޑާއި ވައިގެމަގުން ކުރާ ދަތުރުތަކަށް ބޫރޫ އަރާ، މުޅި ސިނާޢަތް މިވަނީ މަޑުޖެހިފައެވެ.

ދަތުރުފަތުރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފައިވާ އެއް ބަޔަކީ ޓެކްސީގެ ޚިދުމަތްދޭ ފަރާތްތައް ނުވަތަ ޓެކްސީ ޑްރައިވަރުންނެވެ. އާއްމު ވަޒީފާތަކަށް ދާ ފަރާތްތަކާއި ޚިލާފަށް އެ ފަރާތްތަކުގެ އާމްދަނީ މުޅިންހެން ބަރޯސާވަނީ ކުރާ ދަތުރުތަކަށެވެ. ލިބޭ އެންމެ ދަތުރަކީވެސް މިއީ އެފަރާތްތަކުގެ އާއިލާތަކުގެ ކެއިންބުއިމާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމާއި ގުޅިލާމެހިފައިވާ މުހިންމު ދަތުރެކެވެ.

ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން ދެން އެންމެ ގިނަބަޔަކު ބަރޯސާވާ، އަދި ޚިދުމަތް ލިބިގަންނަނީ ޓެކްސީތައް މެދުވެރިކޮށެވެ. ރާއްޖޭގައިވެސް ކަން އޮތީ މިހެންނެވެ. ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަމުގައިވެސް ޓެކްސީ ސެންޓަރުތަކާއި، ޓެކްސީ ޑްރައިވަރުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް އާއްމުން ގިނައިން އެއްވެ ނޫޅުމަށާއި، ބޭރުތެރެއަށް ނުކުމެނޫޅުމަށް ޞިއްޚީ ފަރާތްތަކުން އިރުޝާދުދެމުންދާއިރު، މި ދުވަސްކޮޅު ޓެކްސީތަކަށް ދަތުރު ހޯދުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެވެ.

ކުރިއާ ޚިލާފަށް މާލެތެރޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު މިހާރު ނިސްބަތުން މަދުވެފައިވާއިރު، ޓެކްސީގެ ޚިދުމަތްދޭ ޑްރައިވަރުންގެ އަދަދުވެސް ބޮޑުތަނުން ވަނީ މަދުވެފައެވެ. ބައެއް ސެންޓަރުތަކުން ކޯޓާ އުޞޫލުން ޑްރައިވަރުންނަށް ދަތުރުތައް ބަހައިގެންވެސް އަންނަނީ ޚިދުމަތްދެމުންނެވެ.

ކަން މިހެން އޮތްއިރު، ޓެކްސީ ޚިދުމަތްދޭން ނުކުންނަ ފަރާތްތަކުންވެސް ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ތިމާގެ ޞިއްޙަތަށާއި ރައްކާތެރިކަމަށް އިސްކަންދިނުން މުހިންމެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ޓެކްސީތަކަށް އަރާފައިބާއިރު، ޓެކްސީގެ ސީޓުތަކާއި، ކާރުތެރެ ސާފުކޮށް ބެލެހެއްޓުން މުހިންމެވެ.

ޓެކްސީ ޑްރައިވަރުންނަކީވެސް މިއީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކާއި ބައްދަލުވާ މީހުންކަމަށްވާއިރު، އަމިއްލަ ސާފުތާހިރުކަމަށް ވިސްނާ، ކެއްސާ ކިބިހިއަޅާނަމަ އަނގައާއި ނޭފަތް ނިވާވާނެހެން މާސްކެއް ބޭނުންކުރުން މުހިއްމެވެ.

ބައެއް ޤައުމުތަކުގައި ޓެކްސީގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ކާރުތަކުގައި ޑްރައިވަރުގެ ސީޓާއި ފަސިޖަރުންގެ ސީޓު ވަކިވާނެހެން ބިއްލޫރި ޕާޓިޝަން ނުވަތަ ދާ ޖަހާފައި ހުރެއެވެ. އެހެންނަމަވެސް ރާއްޖޭގައި ބޭނުންކުރާ ޓެކްސީތަކުގައި މިގޮތަށް ނެތުމުން، ޑްރައިވަރާއި ފަސިންޖަރުންނާއި ދެމެދު ކޮންޓެކްޓް ވާ މިންވަރު ގާތްވުމުގެ ފުރުޞަތު ބޮޑެވެ.

އެއް ދަތުރެއްގެ ތެރެއިން، ދަތުރު ނުނިމެނިސް އަނެއް ދަތުރު ނެގުން މިއީ މިހާރު ރާއްޖޭގައިވެސް އާއްމުކަމެކެވެ. ކޯވިޑް-19 އަކީ ބަލިޖެހިފައިވާ ފަރާތެއްގެ ކުޅުތިކިން ވަރަށްވެސް ފަސޭހައިން ފެތުރޭ ބައްޔެއްކަމުން ސޯޝަލް ކޮންޓެކްޓް ނުވަތަ އިޖްތިމާޢީ ގައިދުރުކަން ބޭއްވުން މިއީ މުހިއްމުކަމެކެވެ. އެހެންކަމުން ދަތުރުތައް ހޯދަން އުނދަގޫވިނަމަވެސް ނުވަތަ ދަތުރުތައް ލިބުން މަދުވިނަމަވެސް، އެގޮތަށް ދަތުރު ނެގުން މިއީ އެހާ ރައްކާތެރިކަމެއް ނޫނެވެ.

ޝައްކެއްވެސް ނެތެވެ. ތިމާގެ ރައްކާތެރިކަން ހޯދާނީ ތިމާއެވެ. އެހެންކަމުން މިދެންނެވި ކަންކަމަށް ޓެކްސީ ޑްރައިވަރުންވެސް މިދަނޑިވަޅުގައި ޚާއްސަ ސަމާލުކަމެއްދިނުން މުހިންމެވެ.