ޚަބަރު

ޕެޓްރޯލް ލީޑަރސް ކޭމްޕު 200އަށްވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފި


  • ބައިވެރިވީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ދަރިވަރުން

  • 35 ސްކޫލަކުން 235 ދަރިވަރުން ކޭމްޕުގައި ބައިވެރިވެ

މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ކޭމްޕު 235 ދަރިވަރުން ފުރިހަމަކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާގެ އިތުރުން ގައިޑް ހަރަކާތުގެ އިސްވެރިންނާއި، ބައިވެރިވި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ ގައިޑް ކޮމިޝަނަރ މަރިޔަމް މިރުފަތު ވިދާޅުވީ، މިއީ ޤައުމަށް ބޭނުންތެރި ޒިންމާދާރު ލީޑަރުން ބިނާކުރުމަށާއި، އަންހެން ކުދިންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި އެ އެސޯސިއޭޝަނުން އަބަދުވެސް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން އިންތިޒާމުކޮށް ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ.

މިރުފަތު ވިދާޅުވީ، މި ކޭމްޕުގެ ތެރެއިން އެއް ޓީމެއްގެ ގޮތުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ޓީމް ބިލްޑިންގ ހުނަރުތަކާއި، ކޭމްޕިންގއާ ގުޅުންހުރި އަމަލީ އެތައް ހުނަރުތަކެއް ދަރިވަރުންނަށް ދަސްކޮށްދީފައިވާނެ ކަމަށެވެ. އަދި މި ކޭމްޕަކީ ގިނަ ފަރާތްތަކަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ނަތީޖާކަން މިރުފަތުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ފުރަތަމަ މި ކޭމްޕު ހުރާގައި ބޭއްވުމަށް އޮތީ ހަމަޖެހިފައި. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މި ހަރަކާތް ފަހު ވަގުތު ވިލިމާލެއަށް ބަދަލުކުރީ. މިކަމަށްޓަކައި އަޅުގަނޑުމެންނަށް އެހީތެރިވި ފަރާތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރަން،" މިރުފަތު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޭމްޕް ކާމިޔާބުކަމާއެކު ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އަދި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑު މެޑަމް ސާޖިދާ މުޙައްމަދަށް ގާލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވަނީ ޚާއްޞަ ހަނދާނީ ހަދިޔާއެއް އަރުއްވާފައެވެ.

ވިލިމާލޭގައި ބޭއްވުނު މިއަހަރުގެ ނޭޝަނަލް ޕެޓްރޯލް ލީޑާސް ކޭމްޕަކީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު ކޭމްޕެކެވެ. މުޅި ރާއްޖޭގެ 35 ސްކޫލަކުން ޖުމްލަ 235 ދަރިވަރުން މި ކޭމްޕުގައި ބައިވެރިވެ، ތަފާތު ދާއިރާތަކުން މުހިންމު ތަމްރީނުތަކާއި ހުނަރުތައް ވަނީ ހާސިލުކޮށްފައެވެ.