ކޯވިޑް-19

ކޯވިޑް-19 : ވީ.އައި.އޭ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ފަށައިފިއެވެ. އެކުންފުނިން މި މަސައްކަތް ފަށާފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނާއި، އެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގައިވެސް އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ދުވާލެއްގެ މައްޗަށް އެތައް ޑޮމެސްޓިކް ފްލައިޓަކާއި، އިންޓަރނޭޝަނަލް ފްލައިޓެއްގެ އިތުރުން ޕްރައިވެޓް ޖެޓްތައްވެސް ވީ.އައި.އޭއަށް ޖައްސާއިރު، އެތައް ސަތޭކަ ރައްޔިތުންނެއް އަންނަނީ އެއަރޕޯޓުން ޚިދުމަތް ލިބިގަންނަމުންނެވެ.

ކޯވިޑް-19ގެ ނުރައްކާ ދުނިޔެއަށް ބޮޑުވަމުންދިއުމާއެކު ދިވެހިރާއްޖެއިންވެސް ރައްކާތެރިވުމުގެ ގޮތުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ މީހުން މި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ފެށުމެވެ. އެގޮތުން ވީ.އައި.އޭވެސް ހިމެނޭހެން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި، ސީޕޯޓުތަކުގައި ތާމަލްކެމެރާ ބަހައްޓައިގެން ސްކްރީން ކުރަން ވަނީ ފަށާފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ ފަރާތްތައް ވަކިން ބޭތިއްބުމަށް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއްވެސްވަނީ ޤާއިމުކޮށްފައެވެ.

ރާއްޖެއިންވެސް ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް މިހާރު ފެނިފައިވާއިރު، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކާ، ވީ.އައި.އޭ ހިންގާ ކުންފުނި އެމް.އޭ.ސީ.އެލުންވެސް އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވީ.އައި.އޭ ޑިސްއިންފެކްޓް ކުރުމުގެ ޕްރޮގްރާމެއް އެކުންފުނިން މިހާރު ފަށާފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން ހުޅުލޭގެ މަގުތަކާއި، އެއަރޕޯޓުގައި މީހުން އާއްމުކޮށް ބޭނުންކުރާ ތަންތަންނާއި، އެއަރޕޯޓުގައި ޚިދުމަތްދިނުމަށް އެކުންފުނިން ބޭނުންކުރާ ވެހިކަލްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި މި މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެއަރޕޯޓުން އެތެރެވާ މީހުން ސްކްރީން ކުރުމުގެ އިތުރުން، އިންޓަރނޭޝަނަލް ޓަރމިނަލުން ފުރަންދާ ފަރާތްތަކުގެ ޓެމްޕަރޭޗަރ ސްކްރީންކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ވަނީ ފަށާފައެވެ. އަދި ކޯވިޑް-19ގެ ކަންކަމުގައި އެއަރޕޯޓުގެ އިންޓަރނޭޝަނަލް އޮޕަރޭޝަންތަކަށް ޚާއްސަކޮށްގެން ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކޮށް، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއަރޕޯޓުގައިވެސް ވަނީ އަޅާފައެވެ.