ކޯވިޑް-19

ކޯވިޑް-19 : ފެލައިނީ ޕޮޒިޓިވިކަމަށް ބެލެވެނީ ރާއްޖެއިން ދިޔަފަހުން


ޗައިނީޒް ސުޕަރ ލީގުގައި މިހާރު ކުޅޭ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ބެލެވެނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ޗައިނާއަށް ދިޔަފަހުންކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19އާގުޅޭ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫޒް އަޒީޒް ވިދާޅުވީ، ފެލައިނީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 8ވަނަ ދުވަހުކަމަށާ، އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތި ރަށް ރިޒޯޓުގައިކަމަށެވެ. އަދި އޭނާ ޗުއްޓީ ނިންމާލުމަށްފަހު ރާއްޖެއިން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މިމަހުގެ 12ވަނަ ދުވަހު ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާތަނަށް ބެލިބެލުމުން ފެލައިނީ މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ބޮޑަށް ލަފާކުރެވެނީ ރާއްޖެ ދޫކޮށްދިޔަފަހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޯވިޑް-19އާއި ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫޒް އަޒީޒް
"އޭނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާޗް 20 ވަނަ ދުވަހު. އެހެންވީމާ، އޭނާއަށް އެންމެ އަވަހަށްވެސް އެ ވައިރަސް ޖެހުނުކަމަށް ބެލެވޭނީ މާޗް 6 ވަނަ ދުވަހު. އެއީ ޕޮޒިޓިވްވި ފަހުން 14 ދުވަސް ކަމަށް ބަލައިގެން. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޭނާއަށް ވައިރަސް ޖެހިފައިވަނީ ރާއްޖޭން ފުރައިގެން ދިޔަ ފަހުން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، އޭނާއާއި ރާއްޖެއިން ކޮންޓެކްޓްވި ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެއް އައިސޮލޭޓްކޮށްފައިވާކަމާށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ދިވެހިރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 3 މީހަކު މިހާރު ރަނގަޅުވެފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.