ކޯވިޑް-19

ކޯވިޑް-19 : ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ދިއުމަށް ސަރުކާރުން އެހީވަނީ


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ޤައުމަށް އަނބުރާ ދިއުމަށް ސަރުކާރުން އެހީވާން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެއްވެސް ޓްރެވަލް ޑޮކިއުމެންޓެއް ނުވަތަ ވޯކް ވިސާއެއް ނެތް ބިދޭސީން، އަނބުރާ ޤައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ޓްރެވަލް ޑޮކިއުމެންޓެއް ނެތްނަމަވެސް އަނބުރާ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންނަށް، އެމީހަކު ނިސްބަތްވާ ޤައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަން މެދުވެރިކޮށް، އެ އިންތިޒާމްތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމާއި، އަނބުރާ ޤައުމަށް ދިއުމަށްދާ ޚަރަދު ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭން ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށްދާން ބޭނުންވާ ފަރާތްތަކުން 7205648 އަށް މެސެޖްކޮށްގެން އެކަން މިނިސްޓްރީއަށް އެންގޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މިދަނޑިވަޅުގައި މިނިސްޓްރީގެ ބިދޭސީންނާއި ބެހޭ ޚިދުމަތްދޭ އޮފީސް ދޮށަށް ޖަމާނުވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ރާއްޖޭގައި އެއްލައްކައަށްވުރެ ގިނަ ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި އުޅެމުންދާއިރު، އޭގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ބިދޭސީން އުޅެމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. އެފަދަ ފަރާތްތަށް ހޯދާ، އަނބުރާ ޤަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ދިއުމުގައި އެހީތެރިވުމަށް ސަރުކާރުން ނިންމާފައިވާއިރު، މާލޭގައި ބިދޭސީން ދިރިއުޅޭ އަދަދާއި، އެފަދަ ތަންތަނުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މި މަސައްކަތަކީ ކޯވިޑް 19ގެ ޙާލަތާއި ދިމާކޮށް، މިފަދަ ތަނަކުން ބަލީގެ ޢަލާމާތެއް ފެނިޖެނަމަ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ފަސޭހަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސިޓީ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މަޢުލޫމާތު އެއްކުރާއިރު ބިދޭސީން ނިދުމަށް ބޭނުންކުރާ ތަންތަނާއި، އެފަދަ މީހުން ނިދާ ކޮޓަރިތަކުގައި ނިދާ މީހުންގެ އަދަދުތަކާއި ބެހޭ މަޢުލޫމާތު އެއްކުރާނެއެވެ. އަދި ބިދޭސީން ކައްކާ ކެއިންބުއިމުގެ ކަންކަން ކުރިއަށްދާ ބަދިގެތަކާއި ހޮޓާތަކާއި ގުޅޭ މަޢުލޫމާތުވެސް އެއްކުރާނެއެވެ.