ޚަބަރު

ޖުލައި މަހު އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓުތަކުގެ މައްސަލަތައް


  • ޖުލައިމަހު ފުލުހުންނަށް ޖުމްލަ 849 މައްސަލަ ވަނީ ހުށަހަޅާފައި

  • އެކްސިޑޭންޓްތަކުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައި

މިދިޔަ ޖުލައިމަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖޫންމަހާ އަޅައިބަލާއިރު ޖުލައިމަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ ދަށްވެފައެވެ. ޖުލައިމަހު ފުލުހުންނަށް ޖުމްލަ 849 މައްސަލައެއް ހުށަހަޅާފައިވާއިރު ޖޫން މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 961 މައްސަލައެކެވެ.

ފުލުހުންނަށް ޖުލައިމަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 277 މައްސަލަ ވަނީ ހުށަހަޅާފައެވެ. ޖުލައިމަހު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ.

އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 178 މައްސަލަ ހުށަހަޅާފައެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 163 މައްސަލަ ޖުލައިމަހުވަނީ ހުށަހަޅާފައެވެ.

ޖުލައިމަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 277 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 178 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 163 މައްސަލަ
• އެއްޗެހި ގެއްލިގެން 69 މައްސަލަ
• އަނިޔާގެ 42 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ
• ގެވެށި އަނިޔާގެ 28 މައްސަލަ
• ޚިޔާނަތުގެ 21 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 14 މައްސަލަ
• ފޭރުމުގެ 9 މައްސަލަ
• ފޯޖް ކުރުމުގެ 9 މައްސަލަ
• ޗެކް ބައުންސްގެ 2 މައްސަލަ

ކުށް މަދުކުރުމަށް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.