ކުރިއަށް އޮތް 24 ގަޑިއުރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރު ފަހު 01:45 ހާހަމައަށްށެވެ.
..Alert white for strong winds pic.twitter.com/w72IeOAv6U
— Maldives Meteorology (@MetMaldives) August 4, 2025
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށްށެވެ. އެގޮތުން ނިލަންދޫއަށް 13.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި، ހުޅަނގު އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން އެވްރެޖުކޮށް 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި މިގޮތަށް ހުކުރު ދުވާހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްށާއި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ވައިގަދަވެ، ކަނޑުދަތުރު ނުކުރެވޭހާ ބޮޑަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.