ޚަބަރު

މިމަހުގެ 19އިން 26އަށް ސަރުކާރު ބަންދު


ކޯވިޑް19 އާ ގުޅިގެން އަޅުއްވާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން މި މާރިޗު މަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ ކޯވިޑް19 ރާއްޖޭގައި ފެނިފައިވާތީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިވަގުތު އަޅުއްވަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުދުގައި މަޝްވަރާ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވުމާިއ ގުޅިގެންނެވެ.

މި މަހުގެ 19 އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރާގޮތަށް ހަމަޖެއްސިނަމަވެސް ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން މަސައްކަތަށް ނެރެގެން 17 ތަނަކުންދޭ ޚިދުމަތްތައް ދެވޭނެ އިންތިޒާމް، އިދާރާތަކުން ހަމަޖެއްސެވުމަށް ،މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތް

- ޢަދުލު އިންޞާފުގެ ބާރާއި ކޯޓުތަކުގެ ޚިދުމަތް

- ސިފައިންނާއި ފުލުހުންގެ ޚިދުމަތް

- ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަރނެޓާއި ފޯނުގެ ޚިދުމަތް

- ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް

- ސޯޝަލް ޕްރޮޓެކްޝަން ސަރވިސް އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒުތަކުގެ ޚިދުމަތް

- އެއަރޕޯޓުތަކާއި ސީޕޯޓްތަކުގެ ޚިދުމަތް

- ބްރޯޑްކާސްޓިންގ ޚިދުމަތް

- ބޭންކިންގ ޚިދުމަތް

- ފަޔަރ އެންޑް ރެސްކިއު ޚިދުމަތް

- މީޓިއޮރޮލޮޖިކަލް ޚިދުމަތް

- ކައްކާ ގޭހުގެ ޚިދުމަތް

- ފިއުލްގެ ޚިދުމަތް

- ކުނިނަގައި އުކާލުމުގެ ޚިދުމަތް

- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތް

- ޖަލުގެ ޚިދުމަތް

މީގެއިތުރުން، ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މިހާރު އަޅުއްވާފައިވާ އެކިއެކި ފިޔަވަޅުތަކުގެ އިތުރަށް، އެއްތަނަކަށް މީހުން އެއްވެ ހިންގާ ޙަރަކާތްތައް ވަގުތުން ހުއްޓާލުމާއި، ރާއްޖޭގެ އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި، އެކި ކަންކަމުގައި ބޭރަށް ނުކުތުން ވީހާވެސް ބޮޑަށް މަދުކުރެވޭނެ ގޮތެއްގެ މަތިން ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމުގެ މުހިންމުކަން، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ އިދާރާތަކުން އެޅުއްވުމަށްވެސް ވަނީ ނިންމެވާފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން، މިހާތަނަށްވެސް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވާކަން މިއަދުގެ ޖަލްސާގައި ވަޒީރުން ފާހަގަކުރެއްވިއެވެ.