ރިޕޯޓް

ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަން - ނަމޫނާ ފިލާވަޅުތަކެއް!


ދުނިިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން އަޅުގަނޑުމެން މި ކުޑަކުޑަ ދިވެހިރާއްޖެވެސް ވަނީ ހައިހޫނުކަމާއި، ގުދުރަތީ ބޮޑެތި ކާރިސާތަކާއި، ސިއްޙީ ބަލިމަޑުކަންވެސް ތަހައްމަލުކޮށްފައެވެ. މިފަދަ ކަންކަމުންގެ ތެރެއިން ދިވެހިންވެސް ވަނީ ގިނަ ތަޖުރިބާތަކަކާއި ފިލާވަޅުތަކެއް ލިބިގަނެ ޢިބުރަތް ހާސިލުކޮށްފައެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ބައެއް މުހިއްމު ޙާދިސާތަކާއި ކާރިސާތަކަށް ކުރުގޮތަކަށް ނަޒަރު ހިންގާލާއިރު، ފެންނަން އޮތް ހަޤީޤަތަކީ މިއިން ކޮންމެ ކަމަކުން އަރައިގަތުމުގައިވެސް ދިވެހިން ދެއްކި ކެތްތެރިކަމާއި، ހިތްވަރެވެ. އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެވެ.

މީގެ ތެރެއިން ފާހަކޮށްލެވޭ ބައެއް ޙާދިސާތަކާއި ކާރިސާތަކަށް ބަލާލާއިރު، ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން 1930ގެ އަހަރުތަކާއި 1940ގެ އަހަރުތަކުގައި ކުރިމަތިވި ބޮޑުތަދުގެ ހައިހޫނުކަން ދިވެހިންވެސް ވަނީ ތަޙައްމަލުކޮށްފައެވެ. ރާއްޖޭގައި މިހައިހޫނުކަން ދެއަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔައެވެ.

1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރިގެންދިޔަ ނުރައްކާތެރި ކޮލެރާއާއި، ސިގެއްލާގެ ބަލިމަޑުކަންވެސް ދިވެހިން ތަޖުރިބާކޮށްފައިވެއެވެ. މި ދެ ބަލީގައި ރާއްޖެއިން އެކަނިވެސް 440 އަށްވުރެ ގިނަ މީހުން ނިޔާވެފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބަލިމަޑުކަމެއް މިހާބޮޑަށް ފެތުރި، މިހާ ގިނަ އަދަދެއްގެ ބަޔަކު ދުނިޔެ ދޫކުރި އެއް ޞިއްޙީ ކާރިސާއެވެ.

ދިވެހިޤައުމަށް ޣައްދާރުވި މަދު ޚާއިނުންތަކަކާއި ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓުން ގުޅިގެން 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމާލާއަކީވެސް މިގޮތުން ފާހަގަކޮށްލެވޭ ހާދިސާއެކެވެ. މިނުރައްކާތެރި ޢުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި، ޢާއްމުންގެ 11 ފަރާތެއް ހިމެނޭހެން ކުށެއްނެތް 19 ދިވެހިންގެ ލޭ މިދިވެހި ފަސްގަނޑަށް އޮހޮރުވާލިއެވެ.

އެނަމާ ބޯޓުގެ ކާރިސާއަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި، އެންމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ. ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާފައިވާނީ 17 މާރިޗު 2004 ވަނަ އަހަރެވެ. މި ކާރިސާގައި 24 މީހުން ނިޔާވެ، 2 މީހަކު ގެއްލިފައިވެއެވެ.

ހަމަ އެ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީގެ ބިޔަ ރާޅުތަކަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ސުއްނާފަތިކޮށްލި ބިރުވެރި ރާޅުތަކެކެވެ. މި ބިރުވެރި ކާރިސާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ. 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އޭގެ ތެރެއިން 4 ރަށެއް އެއްކޮށް ސުންނާފަތިވިއެވެ. 15 ހާސް މީހުންގެ ގެދޮރުގެއްލި، 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާއި، 2019 ވަނަ އަހަރު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީވެސް ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ މުހިއްމު ކަންތައްތަކެކެވެ.

ދިވެހިންގެ އެއްބައިވަންތަކަން

މިއިން ކޮންމެ ޙާދިސާއަކާއި ކާރިސާއަކުން އަރައިގަތުމުގައިވެސް ދިވެހިން ދައްކާފައިވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ރީތި މިސާލެވެ. ހިތްހެޔޮކަމާއި، އެކުވެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މާތް ސިފައެވެ.

ކޯވިޑް-19 އާއެކު މިއަދު މުޅި ދުނިޔެ އަނެއްކާވެސް މިވަނީ ބޮޑު ބަލިމަޑުކަމަކަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން އަންދާޒާކުރަން ނޭންގޭހާ ބޮޑު ގެއްލުމެއް ދުނިޔޭގެ އިޤްތިޞާދަށާއި އިންސާނީ ދަރިފަސްކޮޅަށްވެސް ލިބިގެންދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ. ބަލީގެ ނުރައްކާ ބޮޑުވެ، ރާއްޖެއިންވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު މިވަނީ އިޢުލާންކޮށްފައެވެ.

މިއީ އަނެއްކާވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކަންވީ ވަގުތެވެ. ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އިރުޝާދުތަކަށް ކިޔަމަންވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތެވެ. ކޯވިޑް-19އަށް ދެވޭނެ ސީދާ ފަރުވާއެއް އަދި ހޯދިފައިނުވިނަމަވެސް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ، މިބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދީ، ކަމާގުޅުންހުރި ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަކީ މި ދަނޑިވަޅުގައި ކޮންމެ ފަރާތެއްގެ ކޮނޑުގައިވެސް އެޅިފައިވާ ފަރުދީ ޒިންމާއެކެވެ.