ޚަބަރު

އޭޓީއެމް ފެއަރގައި ރާއްޖޭގެ ތާރީޚީ ދަތުރު؛ މެދުއިރުމަތިން ދުނިޔޭގެ ސަމާލުކަމަށް


  • މިއަހަރަކީ ފެއަރ ބާއްވާ 32 ވަނަ އަހަރު

  • މިއަހަރު ރާއްޖޭގެ 74 ކުންފުންޏަކުން، 165 މަންްދޫބުން ބައިވެރިވި

އަރަބިއަން ޓްރެވެލް މާކެޓް، އޭޓީއެމްއަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ފެއަރއެވެ. ދުބާއީގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާއި، ޓްރެވެލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މީޑިއާތައް އެއް ފުރާޅެއްގެ ދަށަށް ޖަމާވާ މުހިންމު ފްލެޓްފޯމެކެވެ. މިއަހަރަކީ މި ފެއަރ ބާއްވާ 32 ވަނަ އަހަރެވެ.

ފާއިތުވި 32 އަހަރު ތެރޭގައި ބޮޑެތި ބަދަލުތަކާއެކު އޭޓީއެމް ފެއަރ ވަނީ އިންތިހާއަށް ކުރިއަރައިގެން ގޮސްފައެވެ. މިފެއަރގައި ރާއްޖޭގެ ދަތުރު ކުޑަ ސްޓޯލަކުން ފެށިނަމަވެސް މިއަދު ރާއްޖެ ވެފައިވަނީ އެންމެ ގިނަބައެއްގެ ލޮލުގައި އަޅައިގަންނަ އެންމެ ބިޔަ ޕެވިލިއަންއަށެވެ.

ފެއަރގެ މިވޭތުވެގެން ދިޔަ ދިގު ދަތުރުގައި ފެއަރގެ ފެންވަރު މަތިވެ، ޓެކްނޮލޮޖީއާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އައު ފުރުސަތުތަކެއްވަނީ ފަހިވެފައެވެ.

މިއަހަރުގެ މި ފެއަރގައި ރާއްޖޭގެ 74 ކުންފުންޏަކުން، 165 މަންްދޫބުން ބައިވެރިވެއެވެ. އޭގެތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްްގައި ރިސޯޓު ވިޔަފާރިއާއި، ސަފާރީ އަދި ގެސްޓަހައުސް ވިޔަފާރިކުރާ ފަރާތްތައް ހިމެނެއެވެ.

އޭޓީއެމް ފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރައްވައެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއި، ޢަރަބި ގައުމުތަކުގެ މާކެޓަށް ރާއްޖެ އިސްތިހާރުވެ، އެސަރަޙައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން އެ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށާއި، ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ އިތުރުން ހަލާލް ޓޫރިޒަމަށް އެންމެ އެކަށޭނެ އެއް ގައުމުކަން ސާބިތުކޮށްދިނުމަށް މި ފެއަރ މުހިންމު ދައުރެއް އަދާކުރާކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.

އޭޓީއެމް ފެއަރ އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ޝުޢޫރުތައް ހުރީ ވަރަށް އުއްމީދީގޮތެއްގައެވެ.

އޭޓީއެމް ފެއަރގައި ބައިވެރިވާތާ 15 އަހަރުވީ ރާއްޖޭގެ ރިސޯޓު ހިންގާ ފަރާތަކުން ބުނީ އޭޓީއެމް ފެއަރއަކީ މެދުއިރުމަތިން ރާއްޖެއަށް ފަތުރުުވެރިން ހޯދުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަމަށެވެ.

މިއަހަރުގެ ފެއަރއަކީވެސް ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދީ، ގައުމުގެ އިޤުތިސާދަށް އިތުރު ދިރުމެއް ގެނެސްދޭނެ ފެއަރއަކަށް ހެދުމަކި ސަރުކާރުގެ އަމާޒެވެ.