ކޯވިޑް-19

ކޯވިޑް-19: މިމަހުގެ 18އިން ފެށިގެން މެލޭޝިއާ އެއްކޮށް ލޮކްޑައުން ކުރަނީ


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމުގެގޮތުން މެލޭޝިއާ އެއްކޮށް ލޮކްޑައުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔާސީން ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ މިމަހުގެ 18 އިން ފެށިގެން 31 ގެ ނިޔަލަށެވެ. މެލޭޝިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުން މަނާކުރަން ނުވަތަ ލޮކްޑައުންކުރަން ނިންމާފައިވަނީ އެ ޤައުމުގައި ޢަމަލުކުރަމުންދާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިފް އިންފެކްޝިއަސް ޑިސީސަސް އެކްޓާއި ޕޮލިސް އެކްޓުގެ ދަށުންނެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވީ، އެ ޤައުމުން މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދެނީ ކޯވިޑް-19 ޤައުމުގެ ތެރޭގައި އިތުރަށް ފެތުރުނަނުދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. އަދި މިގޮތަށް ނިންމުމާގުޅިގެން އެ ޤައުމުގައި ފެނާއި ކަރަންޓާއި، މުޢާސަލާތީ ޚިދުމަތާއި، ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ބޭންކިންގެ ހިދުމަތާއި، ކާބޯތަކެތީގެ ސާމާނު ވިއްކާ ތަންތަން ފިޔަވާ ސަރުކާރާއި، އަމިއްލަ ވިޔަފާރިކުރާ އެހެން ހުރިހާ ތަނެއް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ލޮކްޑައުންގެ މުއްދަތުގައި މެލޭޝިއާގެ އެއްވެސް ރައްޔިތަކަށް އެ ޤައުމުން ބޭރަށް ދަތުރެއް ނުކުރެވޭނެކަމަށާއި، އެހެން ޤައުމުތަކުން އެތެރެވާ މެލޭޝިއާގެ ރައްޔިތުންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރެވިގެންދާނެއެވެ. އަދި ގިނަ މީހުން އެއްވެގެން ހިންގާ އެއްވެސް ހަރަކާތެއް ކުރިއަށްއަކަށް ނުގެންދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ޤައުމުގެ ހުރިހާ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތައްވެސް ބަންދުވާނެއެވެ.

މެލޭޝިއާއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާ އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު، މެލޭޝިއާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ޤައުމެކެވެ.