ކޯވިޑް-19

ކޯވިޑް-19 : ހިޔާ މަޝްރޫޢަށް ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ހަދާ ސަރވޭގެ މަސައްކަތް މެދުކަނޑާލައިފި


"ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މި ފިޔަވަޅު އަޅާފައި ވަނީ ހުރިހާ ފަރާތްތަކެއްގެވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށާއި، މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން ޢާންމުކޮށް އިޢުލާންކުރެވޭނެކަމަށް ކޮމެޓީން ވިދާޅުވެއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ފަރާތުން އެ ލިޔެކިޔުންތަކާ ޙަވާލުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ޙާލަތު"، މި ބަޔަށް ރިޢާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައި ވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.