މިއަހަރުގެ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 190 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިިދިޔަ މަހުގެ 22 ވަނަ ދުވަހުގައެެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 195 ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް ވީހާވެސް އަވަހަށް އާންމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިފަހަރު ހުޅުވާލީ 500 ފުުރުޞަތަށެވެ. ނަމަވެސް މިއަހަރު ސްޓޫޑެންޓް ލޯނަށް ޖުމްލަ 1338 ދަރިވަރުން ކުރިމަތިލިއެވެ. އޭގެތެރެއިން ލޯނަށް ޝަރުޠު ހަމަވަނީ 806 ދަރިވަރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސްޓޫޑަންޓު ލޯނަށް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައެވެ.
މި ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެގޮތަށެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ.