މެލޭޝިއާގެ ޤައުމީ އެއާލައިން، މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
މެލޭޝިއާ އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް 7 އަހަރަށްފަހު ރާއްޖެއަށް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. މެލޭޝިއާ އެއާލައިނުން މިހާރު ރާއްޖެއަށް ކުރަމުންދަނީ ހަފްތާއަކު 1 ދަތުރެވެ. ނަމަވެސް މި ދަތުރުތައް ހަފްތާއަކު 11 ދަތުރަށް އިތުރުކުރުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ.
އިތުރުކުރާ ދަތުރުތައް އޮންނާނީ ހޯމަ، ބުދަ، ހުކުރު އަދި އާދިއްތަ ދުވަހުއެވެ. މި ދަތުރުތައް ކުރަނީ މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
މެލޭޝިއާ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޯއިންގ 737 މެކްސް-8 މަރުކާގެ ބޯޓުތަކެވެ. މިއީ 174 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.
މެލޭޝިއާއަކީ ތަފާތު އެކި ބޭނުންތަކަށް ދިވެހިންވެސް ގިނަ އަދަދަކަށް ދަތުރުކުރާ ޤައުމެކެވެ. އަދި އެ ޤައުމުގައި ތައުލީމާއި އެނޫންވެސް ބޭނުންތަކުގައި ދަނީ ގިނަ ދިވެހިން ދިރިއުޅެމުންނެވެ.
މެލޭޝިއާ އެއާލައިންގެ އިތުރުން އެއާ އޭޝިއާ އަދި ބަޓިކް އެއާ އިން ވެސް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް ކުރެ އެވެ.
މެލޭޝިއާ އެއަރލައިންގެ އިތުރުން އެ ޤައުމުގެ ބަޓިކް އެއަރލައިނުންވެސް ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އެގޮތުން އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު މެލޭޝިއާއިން ރާއްޖެއަށް 11،269 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 6،517 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %72.9 އިތުރުވުމެކެވެ.