ކޯވިޑް-19

ކޯވިޑް-19: ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އއ. ވެލިދޫ މާދަމާއިން ފެށިގެން ބޭނުންކުރަނީ


ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކާއި އެ ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކަށް ވަކިން ބައިތިއްބައިގެން ފަރުވާ ދިނުމަށްޓަކާ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އއ. ވެލިދޫ ރިސޯޓް މާދަމާއިން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ތިން ވަނަ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އއ. އަތޮޅުގައި 2019 ވަނަ އަހަރާއި ހަމައަށް ރިސޯޓެއްގެ ގޮތުގައި ހިންގަމުންދިޔަ ވެލިދޫ ތަރައްޤީކޮށް، މާދަމާއިން ފެށިގެން ބޭނުންކުރަމުންދާނެކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސް ދުވަހަށް މިތަން ކަރަންޓީން ފެސިލިޓީއެއްގެގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ނަގާފައިވާކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

"2019 ވަނަ އަހަރުގެ ފަހުކޮޅާހަމައަށް ހިންގަމުންދިޔަ އއ. ވެލިދޫ ރިސޯޓުވެސް އަޅުގަނޑުމެން ވަނީ ދިވެހި ސަރުކާރަށް 6 މަސް ދުވަހު ބޭނުންކުރުމަށް ނެގިފައި. އަދި މިހާރު ފުލުހުންގެ ޓީމަކާއި، މިނިސްޓްރީގެ ޓީމެއް ދަނީ އެރަށުގައި، ފެސިލިޓީ ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން. ﷲ އިރާދަކުރެއްވިއްޔާ ވިލިވަރުގެ 30 ކޮޓަރި ފުރި 31 ވަނަ ކޮޓަރިއަކަށް އއ. ވެލިދޫ ރައްޔިތުންނާއި ފަތުރުވެރިން އަދި ދިވެހި ސަރުކާރުން ބޭނުންކުރަން ހުންނާނީ ހަމަޖެހިފައި" ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި، ފަރުކޮޅުފުށީގައި މިހާރު ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ގޮތުން 100 އަށްވުރެ ގިނަ އެދުގެ ޖާގައިގެ ފެސިލިޓީއަކަށް ބަދަލުކޮށް އެތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މާދަމާ ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ވަނީ ނިންމަވާފައި ވިލިވަރުގައި ޤާއިމުކޮށްފައިވާ މި ފެސިލިޓީ އިތުރު ފޭސް 2 އަކަށްދާން. މިކަމުގައި މަސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެބޭފުޅުންވެސް ވަނީ ދެއްވާފައި. އިރާދަކުރެއްވިއްޔާ މާދަމާގެ ވަގުތެއްގައި ވިލިވަރުގެ ފޭސް 2 މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. ފޭސް 2 ނިމުމުން 100 ބެޑަށްވުރެ ގިނަ މީހުންނަށް ފަރުވާދެވޭ ގޮތަށް އެތަނުގައި ވަސީލަތްތަކާއި އިންތިޒާމްތައް ހަމަޖެހިގެންދާނެ" ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ސަރުކާރުން ކޮންމެ ފިޔަވަޅެއްވެސް އަޅަމުންދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ޤައުމުގެ މިހާރުގެ ހާލަތަށް ބެލުމަށްފަހުކަމަށެވެ. އަދި މިކަންކަމުގައި ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.