ކޯވިޑް-19

ކޯވިޑް-19: ކުރެއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ


ކުރެއްދޫ މޯލްޑިވްސްއިން ކޯވިޑް-19 އަށް ޓެސްޓުކުރި މީހުންގެ ތެރެއިން އިތުރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކުރެއްދޫއިން މި ބައްޔަށް ޝަކުކުރެވޭ އަލާމަތްތައްހުރި 10 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުން އެކަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާކަމަށެވެ. އަދި އަނެއް 9 މީހުންގެ ސާމްޕަލް މި ބައްޔަށް ނެގެޓިވްވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. މިއާއެކު ރާއްޖޭން މި ބައްޔަށް ފެނުނު މީހުންގެ އަދަދު މިވަނީ 10 އަކަށް އިތުރުވެފައެވެ.

ކުރެއްދޫއިން ޕޮސިޓިވް މީހާ މިހާރު ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން ކުރި ޓްވީޓް

ރާއްޖޭން ކޯވިޑް-19 އަށް މިހާތަނަށް ޕޮސިޓިވެފައިވާ އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ:
- ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
- ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
- ކުރަމަތި މޯލްޑިވްސްއިން 2 މީހުން
- އަނަންތާރަ ދިގު މޯލްޑިވްސްއިން އެކެކެެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުމާގުޅިގެން އިތުރު 5 ރިސޯޓަކުން މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި ވަނީ:
- ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް
- އޮޅުވެލި ބީޗް ރިސޯޓް
- ބަޑޮސް އައިލެންޑް ރިސޯޓް
- މީރު އައިލެންޑް ރިސޯޓް
- ޑްރީމް މޯލްޑިވްސް

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.