ޚަބަރު

މުޞީބާތެއް މެދުވެރިވުމުން ސިއްޙީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަތުން މުހިންމު - ޚުތުބާ


މުޞީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމައްޓަކައި އަޅަންޖެހޭ ސިއްޙީ ފިޔަވަޅުތަކާއި، ދީނީ އިރުޝާދުތައް ދެނެގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. ހުކުރު ނަމާދުގައި ވީހާވެސް ޚުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ދުނިޔޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު، މިއަދު ހުކުރު ޚުތުބާވެސް ޚާއްސަކޮށްފައިވަނީ އާންމު ބަލިމަޑުކަމާއި މުޞީބާތްތަކުން އަރައިގަތުމަށް ފަރުދީގޮތުންނާއި އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށެވެ. "ބަލި ޙާލަތުމެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތް" މި މަޢުޟޫއަށް އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މުސްލިމުންނަކީ ސާފުތާހިރުކަމުގައި މިސާލު ދައްކުވައިދޭ ބަޔަކަށްވާއިރު، މި ދުވަސްވަރު މިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

މުސްލިމުން ފަރުޟު އަޅުކަމަށް އެކަނިވެސް ދުވާލެއްގެ މައްޗަށް ފަސް ފަހަރު ތާހިރުވާކަން ފާހަގަކޮށް ޚުތުބާގައި ވަނީ މި ދަނޑިވަޅުގައި އަޅުކަންތައް އިސްކޮށް ދުޢާކުރުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މުޞީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމައްޓަކައި އަޅަންޖެހޭ ސިއްޙީ ފިޔަވަޅުތަކާއި، ދީނީ އިރުޝާދުތައް ދެނެގަތުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. މި ދަނޑިވަޅަކީ ކެތްތެރިކަން އިސްކޮށް އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތް ފޯރުކޮށްދޭންވީ ވަގުތުކަން ޚުތުބާގައި ފާހަގަކުރިއެވެ.

"ލޮބުވެތި މުސްލިމް އަޚުންނޭވެ! އަޅުގަނޑުމެން ދަންނަން ޖެހޭ ޙަޤީޤަތަކަކީ، ދުނިޔޭގެ ޙާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެ ކަމެވެ. ދަތިކަމަކަށް ފަހު ފަސޭހަކަމެއް އަންނާނެ ކަމެވެ. ތަދުމަޑުކަމަކަށް ފަހު ތިޔާގި ކަމެއް އަންނާނެ ކަމެވެ. މިއީ ދުނިޔޭގައި ކަން ހިނގާ ގޮތެވެ. ހަމަ އެފަދައިން ހިތާމަތަކާއި، ހިތްދަތިކަމާއި، ހިތްނޭދޭ ކަންކަން ތަޙައްމަލް ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަށް ގެންނަން ޖެހެއެވެ." ހުކުރު ޚުތުބާގައި ގޮވާލިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ކޮންމެކަމެއްގައިވެސް ހިކުމަތެއް ވާކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ފަހަރު މެދުވެރިވާ ބައެއް ކަންކަމަކީ، ކިތަންމެ ހިތް ނޭދޭ ކަންކަން ކަމުގައި ވީނަމަވެސް އެކަންކަމުގެ ފަހަތުގައި ހެވެއް އޮވެދާނެ ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"ލޮބުވެތި މުސްލިމް އަޚުންނޭވެ! ބައެއް ފަހަރު އަޅުގަނޑުމެންނަށް މެދުވެރިވާ ބައެއް ކަންކަމަކީ، އެއީ ކިތަންމެ ހިތް ނޭދޭ ކަންކަން ކަމުގައި ވީނަމަވެސް އެކަންކަމުގެ ފަހަތުގައި އަޅުގަނޑުމެންނަށް ހެވެއް އޮވެދާނެ ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ." ހުކުރު ޚުތުބާގައި ގޮވާލިއެވެ.