ޚަބަރު

ކޯވިޑް-19: ވައިރަސް ހުއްޓުވުމަށް އޮފީސް މާހައުލު އޮތީ ތައްޔާރައްތަ؟


ކޯވިޑް-19ގެ ސަބަބުން އާއްމުނަށް ދޭންޖެހޭ ޒަރޫރީ ޚިދުމަތްތަކަށް ބުރޫ އެރިޔަ ނުދިނުމަށްޓަކައި އެކަމަކަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަޅު އެޅުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.

ޚާއްސަކޮށް ސަރުކާރު އޮފީސްތަކާއި، ޔުޓިލިޓީ ޚިދުމަތްތަކާއި، އަދި ސިއްހީ ފަރުވާދޭ ތަންތަނާއި، ކާބޯތަކެތި ގަންނަ ތަންތަނަކީ، އާއްމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ހުއްޓުމެއް ނައިސް ޚިދުމަތް ދިނުން މަޖުބޫރުވާ ތަންތަނެވެ. މިއިން އެއްވެސް ތަނެއްގެ ޚިދުމަތް މެދުކެނޑުމަކީ އޭގެ ތަކުލީފު ކޮންމެ އާއްމު ރައްޔިތަކުވެސް އުފުލަން ޖެހެ ކަންކަމެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުންދަނީ ޤައުމީ ފެންވަރުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މުވައްޒަފުން ވައިރަހަށް ކޮންޓެކްޓްވުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމުގެ ގޮތުން ފިންގަރ ޕްރިޓް މެޝިން ބޭނުންކުރުމުގެ ބަދަލުގައި، އެޓެންޑެންސް ބެލުމަށް އަލުން ކާޑު ބޭނުންކުރަންވަނީ ފަށާފައެވެ. އަދި ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުންނެވެ.

ގިނަ އޮފީސްތަކަކުން ވަނީ ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދިއުމަށް ކުރިން ރާވާފައިވާ ހަރަކާތްތައްވެސް ކެންސަލްކޮށްފައެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އެރަށްރަށުގައި ހުރި ޕާކުފަދަ ތަންތަންވެސް ވަގުތީގޮތުން ބަންދުކޮށްފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ކުންފުނިންތަކުގެ މެދުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. މިހާރުވެސް ބައެއް އަމިއްލަ ކުންފުނިތަކާއި ކޮލެޖުތަކުންވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

މިހާތަނަށް އެމްޕީއެލްއާއި، އެމްއެންޔޫއާއި ވިލާކޮލެޖުފަދަ ތަންތަނުންވަނީ ފީލްޑަށް ނިކުމެ މަސައްކަތް ކުރާ ފަރާތްތަކާއި ކޮލެޖުތަގެ ދަރިވަރުންނަށް ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެގޮތުން މިފަދަ މާޙައުލުތަކުގައި ސައިބޯންޏާއި ފެން އިސްކޫރުތަކާއިއެކު، އެކި ސަރަޙައްދުތަކުން ފަސޭހައިން އަތް ދޮވެވޭނެ ބޫތުތައް ވަނީ ބަހައްޓާފައެވެ. އަތް ދޮވުމާއި ސާފުތާހިރުކަމަށް ކޯވިޑް-19 ވައިރަސް ހަށިގަނޑުގެ ތެރެއަށް ދިއުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތަކުގެ ގޮތުގައި ސިއްޙީ ޚިދުމަތްދޭ ފަރާތަކުން ފާހަގަކުރާ ކަންތަކެވެ.

އަދި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުންދާ ދެ ކުންފުނި ކަމަށްވާ އެމް.ޕީ.އެލްއާއި އެމް.ޓީ.ސީ.ސީން ދަނީ އެކުންފުނިތަކުގެ އާއްމުން ދަތުރުފަތުރުކުރާ އުޅަނދުތައް ޑިސްއިންފެކްޓްކުރަމުންނެވެ. އެގޮތުން ބަސްތަކާއި، ފެރީ ލޯންޗުތަކާއި ދޯނިފަދަ އުޅަނދުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ގަވައިދުން ދަނީ ކުރަމުންނެވެ.

އެމްޑަބުލިޔުއެސްސީއިންވެސް ވަނީ މުއައްޒަފުންގެ ރައްކާތެރިކަމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ. އެކުންފުނިންވަނީ މާބަނޑު މުވައްޒަފުންނާއި، އުމުރުން ދުވަސްވީ މުޢައްޒަފުންނާއި، ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ ފަރާތްތަކާއި، އަދި އެކި ބަލިތަކަށް ދިގުމުއްދަތަށް ފަރުވާ ހޯދާ މުޢައްޒަފުން އެންހެން މުޢައްޒަފުންނާއި ވަކިން ރައްކާތެރި މާޙައުލަކަށް ބަދަލުކޮށްފައެވެ. އަދި ޚާއްސަކޮށް ފްރަންޓް ޑެސްކްގައި މަސައްކަތް ކުރާ މިފަދަ މުވައްޒަފުންނާއި، އަދި މިފަދަ މުވައްޒަފުން ގޭގެއަށް ޒިޔާރަތްކޮށް ކުރަންޖެހޭ މަސައްކަތްތަކުންވަނީ ދުރުކޮށްފައެވެ..

ކޯވިޑް-19 އިން ރައްކާތެރިވުމަށް މި ނޫނަސް އޮފީސްތަކުގައި ކުރެވިދާނެ މަސައްކަތްތައް އެބަހުއްޓެވެ. އެގޮތުން އެންމެ މުހިންމުކަމަކީ މަސައްކަތުގެ މާޙައުލަކީ ސާފު އަދި ގަވައިދުން ސާފުކުރާ ތަނަކަށް ހެދުމެވެ. އަތްދޮވެވޭނެ ފަސޭހަ އިންތިޒާމް ހަމަޖެއްސުމާއި، ލިފްޓާއި ފާޚަނައިގެ ތާހިރުކަމަކީވެސް ފަސޭހައިން ކުރެވޭނެ މަސައްކަތްތަކެވެ.

ގިނަ ބަޔަކު ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޑެސްކާއި ފޯނުފަދަ ތަކެތި ވީހާވެސް ސާފުކޮށް ބެހެއްޓުން މުހިންމެވެ. އަދި ގިނައިން ދަތުރުކުރަންޖެހޭ ފަދަ މަސައްކަތްތައް ނަމަ، ދަތުރުތައް ވީހާވެސް މަދުކުރެވޭނެގޮތްތަކަށް މަސައްކަތްތައް ހަމަޖެއްސުމަކީވެސް މުހިންމުކަމެކެވެ. އެގޮތުން ފިޒިކަލް ކޮންޓެކްޓް އެކުލެވޭ ބައްދަލުވުންތައް އޮންލައިން ބައްދަލުކުރެވޭ އިރު، ފެމެލީކޯޓުން ވަނީ އެފިޔަވަޅު އަޅާފައެވެ. އެކޯޓުން ބުނެފައި ވަނީ ކޯޓުން ފޮނުވާ ޗިޓުތައް އޮންލައިންކޮށް ފޮނުވުމަށް ރާވަމުންދާ ކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ، ވައިރަސް ފެތުރޭނެ ހުރިހާ މަގުތައް ބަންދު ކުރުމެވެ. މިކަމަށް މުޅި މުޖުތަމައުގެ އެންމެެންގެ އެއްބާރުލުން ބޭނުން ވެއެވެ.