ޚަބަރު

މިދަނޑިވަޅުގައި ކާބޯތަކެތީގެ ދަަތިކަމެއް ނާންނަނާނެ ކަމުގެ ޔަޤީންކަން އެބައޮތް: ވިޔަފާރިވެރިން


ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތައް ދިމާވަމުން ނުދާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމުގައި ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.

ކޮވިޑް-19އާއި ގުޅިގެން އާއްމު ރައްޔިތުންދަނީ ކަންބޮޑުވެ، އެކަމާއި ގުޅިގެން އަމިއްލައަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވައިރަހުގެ އަލާމާތްތައް ރާއްޖެއިން ފެނުނުކަމަށް ބުނަންފެށި ދުވަހުން ފެށިގެން ބައެއް އާއްމުން ގެންދަނީ މުދާ ރައްކާކުރަމުންނެވެ. ޚާއްސަކޮށް ކާޑުގެ ބާވަތްތަކާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މުދާ ގިނައިން ގަނެ ދަނީ ރައްކާކުރަމުންނެވެ.

ކާޑުގެ ބާވަތްތައް ބައެއް ފަރާތްތަކުން ގަނޑުކޮށް ގަންނަމުންދާތީ ބައެއް ރަށްތަކުންވެސް ދަނީ ކާޑުގެ ބާވަތްތަކާއި، އަދި ކެއިންބުއިމަށް އާއްމުކޮށް ބޭނުންވާ ބައެއް ބާވަތްތައް ލިބުމުގެ ދަތިތައް ދިމާވެފައިވާކަމުގެ ޝަކުވާކުރަމުންނެވެ.

މިގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ދަނީ ނުރައްކާތެރި ހާލަތަށް ގޮސް ރާއްޖެއަށް ކެއިން ބުއިމަށް ބޭނުންކުރާ ޒަރޫރީ ބާވަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވެދާނެކަމަށްބަލައި އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އާއްމުން މިކަމާއި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސަރުކާރާއި، އެސްޓީއޯއިން މީގެކުރިން ވަނީ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބުމުގައި ދަތި ނުވާނެކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި މިހާރުވެސް ބޭނުންވާ މިންވަރަށް ކާޑުގެ ބާވަތްތައް ހުރިކަމަށާއި، ކުރިއަށްއޮތް 4 މަހަށް ބޭނުންވާ މިންވަރަށް ސްޓޮކްގައި ކާޑުގެ ބާވަތްތައް ހުރިކަންވަނީ ހާމަކޮށްފައެވެ.

ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ކާޑު ގަނޑުކޮށް ގަންނަމުންދާތީ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެކަމުގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި ކެއިންބުއިމަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ރާއްޖެއަށް ލިބުމުގައި ދަތި ނުވާނެކަން ކަށަވަރުކޮށްދިނުމަށް، ވިޔަފާރި ވެރިން ހިމެނޭހެން ސަރުކާރުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މަޢުލޫމާތު ޙިއްސާކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުޖުގައި ރާއްޖެއަށް ކާޑުވެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއާއި، މަހުގެ ބާވަތްތައް އެތެރެކުރާ ކުންފުނިތަކާއި، ތަރުކާރީ އާއި މޭވާ އަދި އެހެނިހެން މުދާ އެތެރެކުރާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

އަމިއްލަ ކުންފުނިތަކުން ބުނެފައިވަނީ މިހާރުވެސް އާއްމުކޮށް އެހެން މަސްތަކުގައި ރާއްޖެއަށް އެެތެރެކުރާ މިންވަރަށް އެ ކުންފުނިތަކުން މުދާ އެތެރެކޮށްފައި ހުރިކަމަށެވެ. އަދި ގަވައިދުން ބޭނުންވާ މިންވަރަށް ފިހާރަތަކަށްވެސް މުދާ ފޯރުކޮށްދެމުން އަންނަކަމަށެވެ.

"ޔަގީންކަންދެން ކާބޯތަކެތި ހުސްނުވާނެކަމަށް. ރޯދައަށްވެސް ތަކެތި ގެންނަން އޯޑަރުކޮށްފިން. ތަރުކާރީ މޭވާ އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަންދެން." މަޑިހާގެ ފަރާތުންވަނީ ބުނެފައެވެ.

މީގެއިތުރުން ފިނިކޮށްގެން ރާއްޖެއަށް އެތެރެކުރާ އެކި ބާވަތްތަކުގެ ކާނާވެސް މެދުނުކެނޑި ލިބޭނެކަން ވިޔަފާރިވެރިން ފާހަގަކޮށްފައިވެެއެވެ. އެގޮތުން މަހުގެ އެކި ބާވަތްތައްވެސް މިހާރުވެސް ސްޓޮކް ކޮށްފައިވާކަމަށާއި، ރާއްޖެއަށް މިފަދަ ތަކެތި ގެންނަ މަރކެޓްތަކަށް ބުރޫ ނާރާކަމަށް ވިޔަފާރިވެރިންވަނީ ބުނެފައެވެ.

"ކުކުޅު، ބިސް، ފިޔާފަދަ ތަކެތީގެ ދަތިކަމެއް ނާދެ ދުނިޔޭގެ ބަޒާރުގައިވެސް. މުދާ ގެނައުމުގައި ލޮޖިސްޓިކަލް ދަތިތައް ދިމަލެއްނުވެ. ފްރޯޒަން ފުޑް ލިބުމުގެ ދަތިކަމެއްވެސް ނާދެ. ކުރިއަށް އޮތް 4 މަހަށްވެސް ތަކެރި އެބަހުރި." ގިނަ ކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ ހުރިހާ ކުންފުނިތަކެއްހެން މިހާރުވަނީ ރޯދަމަހަށް ބޭނުންވާ ސްޓޮކްތައްވެސް އޯޑަރުކޮށްފައެވެ. އަދި ބައެއް ތަކެތި މިހާރުވެސް ރާއްޖެ ގެނެސްފައިވާއިރު، ކުރިއަށް އޮތް ތާންގައިވެސް އާއްމު އުސޫލުން ތަކެތި ގެނައުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވަނީ ބުނެފައެވެ. ކުންފުނިތަކުން ބުނެފައިވަނީ ތަކެތި ރާއްޖެއަށް ގެނައުމުގައި ލޮޖިސްޓިކް މައްސަލަތައްވެސް ދިމާވަމުން ނުދާކަމަށެވެ.

މިކަމަށް އާއްމުން ސަމާލުވެއްޖެނަމަ ހަމަމިހާރުވެސް މުދާ ލިބޭ އަގުތަކުގައި ދަތިކަމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް އާއްމު އުސޫލުގެ ދަށުން މުދާ ލިބޭނެއެވެ.